ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ޒުވާނަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގައި ކިޔަވާ 18 އަހަރުގެ ދަރިވަރަކު، ދަނާލުގައި އޭނާ ދިރިއުޅޭ ކޮޓަރިތެރޭ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ކުއްޖާ މަރުވީ ބުލީގެ ޝިކާރައަކަށްވެގެން ކަމަށާއި މަރުވުމުގެ ކުރިން އެ ކުއްޖާ އެހީތެރިކަން ހޯދަން އެކި ފަހަރުމަތިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، އެކަމަށް ފުލުހުން ޒިންމާވާންޖެހޭނެ ކަމަށް ބުނެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.
ބުނީ ކީކޭ؟ - އާއިލާއަށް ތައުޒިޔާ ކިޔާ އެޗްއާރްސީއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ބަލަމުންދަނީ އެ ކޮމިޝަނުން އިސްނަގައިގެން ކަމަށެވެ. އަދި، އެ ހާދިސާއާ ގުޅޭ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި ޒާތީ މައުލޫމާތުތައް އާންމު ނުކުރުމަށް އިލްތިމާސްކުރި އެވެ.
"މި ހިތާމަވެރި ޙާދިސާ އާގުޅޭގޮތުން، ހަގީގަތާ ހިލާފު ވާހަކަ އާއި ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރުމަށާ އަދި މަރްހޫމާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަން،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ހާމަކުރެއްވި މައުލޫމާތުގައި ވާގޮތުން، މަރުވުމުގެ ކުރިން އެެރޭ 8:40 ހާއިރު ފުލުހުންގެ ވިކްޓިިމް ސަޕޯޓަށް އެ ކުއްޖާގެ ހާލަތު ބަޔާންކޮށް މެސެޖުކޮށްފައިވެ އެވެ. އޭނާ އެވަގުތު ހުރި ހާލަތާ ބެހޭގޮތުން އެ ކުއްޖާގެ ފަރާތުން ހަތް ވަރަކަށް މެސެޖު ވިކްޓިމް ސަޕޯޓުގެ ވައިބާ ނަންބަރަށް ފޮނުވާފައިވެ އެވެ. އެކަމަކު ފުލުހުންގެ ފަރާތުން އޭގެތެރެއިން ޖަވާބުދީފައިވަނީ އެންމެ ފަހަރަކު އެވެ.
އެޔަށްފަހު ކުއްޖާ "އަހަރެން މި ދިޔައީ" ކަމަށް ބުނެ 12:38 ހާއިރު މެސެޖުކޮށްފައިވާއިރު، އޭނާގެ ހާލަތު ބަލަށް ފުލުހުން ދަނާލަށް ގޮސްފައިވަނީ އޭގެ ބައިގަޑިއިރެއްހާ ފަހުން 1:08ގަ އެވެ. ދަނާލުގައި ކުއްޖާ ދިރިއުޅެމުންދިޔަ ކޮޓަރި ހޯދަން ވެސް އެތައް ވަގުތެއް ހޭދަވެފައިވެ އެވެ. ކުއްޖާގެ ކޮޓަރި 1:32ގައި ދެނެގަނެވި ކޮޓަރީގެ ފެންލައިޓުން ބެލިއިރު ކުއްޖާ ހުރީ މަރުވެފަ އެވެ.
އިހުސާން އިއްޔެ ވިދާޅުވިގޮތުން އެ ކުއްޖާއަކީ ނަފްސާނީ މައްސަލަތަކާހެދި މީގެ ކުރިން ވެސް ހޮސްޕިޓަލުގައި އެޑްމިޓުކުރެވި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކުއްޖެކެވެ. ކުއްޖާ މަރުވުމާ ދޭތެރޭ އެހީތެރިކަން ފޯރުކޮށްދޭން އެކަށީގެންވާ ވަގުތު ލިބުނުއިރު، އެ ކުއްޖާގެ ހާލަތު ކުރިން ވެސް އެނގިތިބެ ފުލުހުން އެރޭ އަމަލުކުރިގޮތާމެދު އާންމުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
ދަނާލުގައި ކުއްޖަކު މަރުވި މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ