ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭ މާލީ ކުށްތައް ތަހުގީގުކޮށް، މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމާއި ގުޅޭގޮތުން ފުލުހުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން މަޝްވަރާކޮށްފިއެވެ.
ފުލުހުންވަނީ، އެފްއައިޔޫގެ ވެރިޔާ މުހައްމަދު އިޝާން، ކަމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވިކަމަށް ބުނެފައެވެ. މިޒިޔާރަތުގައި، ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ މުއައްސަސާއާ ދެމެދު މައުލޫމަތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ބައްދަލުވުމުގައި، ބަދަލުވަމުން އަންނަ ކުށުގެ މާހައުލާ ގުޅިގެން، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޚާއްސަކޮށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތަކުގައި، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ސީޕީ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާލީ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި، މާލީ ކުށްތަކުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތައް ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ. ވަކިން ޚާއްސަކޮށް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލުމުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ނޭޝަނަލް ސްކޭމް ސެންޓަރު އެކުލަވާލެވުނުފަހުން، ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިިބިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މާލީ ކުށްތައް ތަހުގީގުކުރަން ފުލުހުންނާއި އެފްއައިޔޫން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ