ހުކުރުދުވަހުގެ ޚާއްޞަކަން އެނގޭ ބައެއް ސަބަބުތައް

މުސްލިމުންގެ ޢީދެއްކަމުގައި ލައްވައިފައިވާ ހުކުރުދުވަށް ޚާއްޞަވާ ވަރަށް ގިނަ ސަބަބު ހުރެއެވެ. އެ ސަބަބުތައް ދެނެގަތުމަކީ މުސްލިމުންގެ ތެރޭގައި ނުހުއްޓި ކުރިޔައްދާން ޖެހޭ ކަމެކެވެ. އެއީ މުސްލިމުންގެ އިމާންކަން ތާޒާކޮށްދީ ފުކުރީ އެކިއެކި ވަސްވާސްތަކުން އެ މީހުން ސަލާމަތްކޮށްދޭނޭ ވެސް ކަމެކެވެ. މި ލިޔުމުގައި އޭގެ ބައެއް ސަބަބުތައް ހިމަނައިލާނަމެވެ. ހުކުރުދުވަހަކީ އިރު އެ ދުވަހެއްގެ މައްޗަށް އަރާ އެންމެ މާތް ދުވަހެވެ. އެންމެ ފުރަތަމަ އިންސާނާ، އާދަމުގެފާނު ޚަލްޤުކުރެއްވީ ހުކުރު ދުވަހެއްގައެވެ. އާދަމުގެފާނުގެ ތައުބާ ޤަބޫލުކުރެއްވީ ހުކުރު ދުވަހެއްގައެވެ. އެ އިންސާނާ ބިންމަތީގައި އުޅެން ފެށީ ހުކުރު ދުވަހެއްގައެވެ. ދުނިޔެ ޤިޔާމަތް ވާނީ ވެސް ހުކުރު ދުވަހެއްގައެވެ. ކޮންމެ ހުކުރުދުވަހެއްގެ ފަޖުރުލީއްސުރެ އެ ދުވަހުގެ އިރު އުދަރެހުން އަރަންދެން ޤިޔާމަތުގެ ފެށޫން އެކަމެއްގއި ލައްވައިފައިވާ ތާޅަފިލީގެ އަޑު އިވިދާނެކަމަށް ސަމާލުވެ ހުރިހާ ޖަނަވާރުން ހުޝިޔާރުވެތިބޭ ކަމަށް ޞައްޙަ ޙަދީޘުގައި އައިސްފައި ވެއެވެ. ހުކުރުދުވަހުގެ ފަތިސް ނަމާދަކީ އެ ދުވަހުގެ ފެށޫމެވެ. އެއީ އެހެން ހުރިހާ ނަމާދަކަށްވުރެ މާތްވެ މަތިވެރިވެގެން ވާ ނަމާދެކެވެ. ހުކުރު ދުވަހުގެ ފަތިސް ނަމާދާ ބެހޭ ގޮތުން އެކަން އެނގެއެވެ. ޢަބްދުﷲ ބުނު ޢުމަރު رضي الله عنهماގެ އަރިހުން ރިވާވެގެން އައިސްފައި އޮންނަ ޙަދީޘެއްގައި ވެއެވެ. «إنَّ أَفْضَلَ الصَّلَواتِ عِنْدَ اللَّهِ: صَلَاةُ الصُّبْحِ يَوْمَ الْـجُمُعَةِ فِي جَمَاعَةٍ» (البيهقي) މާނައީ: "ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި މަތިވެރިކަން އެންމެ ބޮޑު ނަމާދަކީ ހުކުރުދުވަހު ޖަމާޢަތުގައި ކުރާ ފަތިސްނަމާދެވެ." ހުކުރުދުވަހުގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއް ވާކަމީ އެ ދުވަހުގެ އަހަންމިއްޔަތު އިތުވާ އެއްކަމެވެ. އެ ވަގުތު ހޯދުމަށް ހުކުރުދުވަހުގެ ޢަޞުރު ނަމާދަށް ފަހުން އެންމެ ފަހު "ސާޢަތު"ގައި ބޮޑަށް މަސައްކަތްކުރުމަށް ވާރިދުވެފައި އޮތް ޙަދީޘެއްގެ މާނައިގައި ވެއެވެ. "ހުކުރުދުވަހުގައި ބާރަ "ސާޢަތު" ވެއެވެ. މުސްލިމަކު ކަމަކަށް އެދި (ﷲގެ ޙަޟްރަތުގައި ދަންނަވައިފި ނަމަ) އެ ކަމެއް ދެއްވާނެ ވަގުތުކޮޅެއް އޭގެ ތެރޭގައި ވެއެވެ. ފަހެ ޢަޞުރު ފަހުން އެންމެ ފަހު "ސާޢަތު"ގައި އެ ވަގުތު ހޯދުމަށް މަސައްކަތްކުރާށެވެ!" [شرح النووي على صحيح مسلم (6 / 136)]. އެ ދުވަހުގެ ހުކުރުނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއަކަށް ވެއެވެ. މިއީ ވެސް ހުކުރުދުވަހުގެ ޚާއްޞަ ކަންކަމުގެ ތެރޭ ހިމެނޭ ކަމެކެވެ. މި ކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «الصَّلَوَاتُ الخَمْسُ، وَالجُمُعَةُ إِلَى الجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ مُكَفِّراتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتِ الكَبَائِرُ.» (رواه مسلم) މާނައީ: "ފަރުޟު ފަސް ނަމާދާއި، (އެބަހީ: އެއް ނަމާދުން އަނެއް ނަމާދަށާއި) އެއް ހުކުރުން އަނެއް ހުކުރަށާއި، އެއް ރަމަޟާންމަހުން އަނެއް ރަމަޟާންމަހާ ދެމެދުގެ ވަގުތުތަކަކީ، ބޮޑެތި ފާފަތަކުން ރައްކާތެރިވެ ހުރެއްޖެ މީހާއަށް (އެ ދެމެދުގައިވާ ވަގުތުތަކުގައި ކުރެވޭ ކުދި) ފާފަތަކަށް އޮތް ކައްފާރާއެއް ކަމުގައި ވާ ހުއްޓެވެ." ހުކުރުދުވަހަކީ ވެސް ރަމަޟާން މަހެކޭ އެއްގޮތަށް، ފާފަތަކުން އަރައިގަތުމަށް ލިބޭ އޮތް ވަގުތެކެވެ. އެއި ކޮންމެ ހަފުތާ އަކު ލިބޭ ފުރުޞަތެކެވެ. ތަޤުވާވެރިވާން އެދޭ މީހާއަށް ﷲ ވަނީ މިފަދަ އެތައް ފުރުޞަތެއް ފަހިކޮށް ދެއްވައިފައެވެ. މިފަދަ ވަގުތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކާއި އަޅުގަނޑުގެ ޢާއިލާތައް ދީނުގެމަގަށް ގެންނަމާ ހިނގާށެވެ! ދެ ދުނިޔޭގެ ކާމިޔާބާއި ފަލާޙު އޮތީ އެ ކަމުގައި ކަން ދަންނާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ