އީރާންގެ ކުދި ބޯޓުފަހަރުގެ ނުރައްކާ ހުރްމުޒްގައި ގަދަ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ދެ އުޅަނދެއް އީރާންގެ އަސްކަރިއްޔާގެ ކުދި އަދި ހަލުވި ބޯޓުތަކުގެ އެހީގައި ހިފެހެއްޓުމާ ގުޅިގެން، އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވައިލެވިފައިވާ ކަމަށް އެމެރިކާއިން ކުރާ ދަޢުވާތަކާމެދު ސުވާލު އުފެދިއްޖެއެވެ. މި އޮޕަރޭޝަންތަކުން ހާމަވަނީ، އީރާންގެ އިސްލާމީ އިންޤީލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ބޮޑެތި މަނަވަރުތައް އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތަކުގައި ހަލާކުކޮށްލާފައިވީ ނަމަވެސް، ދުނިޔޭގެ ތެލުގެ އިޤުތިޞާދަށް މުހިންމު މި ކަނޑުއޮޅި ބަންދުކުރުމުގެ ފުރުޞަތު އަދިވެސް އީރާނަށް އޮތް ކަމެވެ.
އީރާންގެ މަނަވަރުތައް "ނައްތައިލާފައިވާނެ" ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އައިއާރްޖީސީން ދަނީ މިސައިލާއި ރޮކެޓު ފަދަ ހަތިޔާރު އުފުލުގެ ޤާބިލުކަން ލިބިފައިވާ ކުދި އަދި ހަލުވި އުޅަނދުތަކެއް ބޭނުންކޮށްގެން އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ. ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ގްރީސްގެ ދިއާޕްލުސްގެ މާހިރުން ބުނީ، ކުދި އުޅަނދުތަކުގެ އިތުރުން، އައްސޭރިފަށުގައި ޤާއިމުކޮށްފައިވާ ޑްރޯނާއި މިސައިލް ނިޒާމުގެ ސަބަބުން އީރާންގެ އަސްކަރީ ޤާބިލުކަން ނެތިކޮށްލެވިފައިކަމަށް ޤަބޫލުކުރެވެން ނެތް ކަމުގައެވެ.
ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރާމައިގެ ތެރެއިން އައިއާރްޖީސީގެ 100 އެއްހާ މަނަވަރާއި އުޅަނދު ނައްތައިލާފައިވީ ނަމަވެސް، އައިއާރްޖީސީން އެތަކެއް ސަތޭކަ ކުދި އުޅަނދުތައް ބޭނުން ކުރަމުންދާ ކަމުގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ ޑްރަޔަޑް ގްލޯބަލްގެ މާހިރުން ލަފާކުރެއެވެ. މި ބޯޓުތަކަކީ "ކުއްލި ޙަމަލާތަކެއް ދިނުމަށްފަހު ފިލުމުގެ" ޤާބިލުކަން ލިބިފައިވާ ހަލުވި އުޅަނދުތަކެއް ކަމަށާއި، މި ވަގުތު މިއީ އީރާންގެ ކަނޑުގެ ސިފައިންގެ މައިބަދަކަމުގައި މާހިރުން ސިފަކުރިއެވެ. މި ފަދަ ކުދި އުޅަނދުތައް ބޭނުންކޮށްގެން ދޭ ކުއްލި ޙަމަލާތަކުން ދިފާޢުވުމަކީ މުދާއުފުލާ އާގުބޯޓުފަހަރަށް ފަސޭހަވާނެ ކަމެއް ނޫން ކަމުގައި، ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އޮމްބްރީގެ މާހިރުން ފާހަގަކުރިއެވެ.
އައިއާރްޖީސީގެ ކުދި އުޅަނދުތަކަކީ މޫސުން ގޯސްވުމުން ބޭނުންކުރުމަށް އުނދަގޫ އަދި ވައިގެ ޙަމަލާތަކަށް ނާޒުކު އުޅަނދުތަކެއް ކަމުގައި ސަލާމަތީ ދާއިރާގެ މާހިރުން ބުންޏެވެ. ނަމަވެސް، ދިފާޢީ ޖާސޫސީ ޚިދުމަތް ފޯރުކޮށްދޭ ޖޭންސްގެ މާހިރުން ބުނީ، ބޮޑެތި މަނަވަރުތަކަށް ވުރެ، މި ފަދަ ކުދި އުޅަނދުތަކަށް ޙަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމުގައެވެ. ޔުނިވަރސަލް ޑިފެންސް އެންޑް ސެކިޔުރިޓީ ސޮލޫޝަންގެ މާހިރެއް ބުނީ، 1980 ގެ އަހަރުތަކެކޭ އެއްފަދައިން، އީރާނުން ބޮޑެތި މަނަވަރުތަކުގެ ބަދަލުގައި ކުދި އުޅަނދުތަކުގެ އެހީގައި ކަނޑުގެ ސަލާމަތަށް ބޮޑު ބިރެއް ކުރިމަތިކުރުވާފައިވާ ކަމުގައެވެ. މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރި މުދާ އުފުލުމުގެ ޚަރަދުތަކާއި އިންޝުއަރެންސް ފީތައް އިންތިހާއަށް އުފުލިގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ