ނާސާގެ ކިއުރިއޯސިޓީ ރޯވަރއަށް މާސްއިން ގިނަ އަދަދެއްގެ ޑްރެގަންގެ ނިޝާންތަކެއް ފެނިއްޖެ އެވެ.
ނާސާގެ ކިއުރިއޯސިޓީ ރޯވަރއަށް މާސްއިން ގިނަ އަދަދެއްގެ ޑްރެގަންގެ ނިޝާންތަކެއް ފެނިއްޖެއެވެ. އާ ފޮޓޯތަކުން ހާމަވާގޮތުގައި، މާސްގެ އެއް ސަރަހައްދެއްގައި ބޮޑެތި، ފޮސިލްވެފައިވާ ޑްރެގަންއާއި ވައްތަރު ގިނަ އަދަދެއްގެ ފާހަގަތައް ފެންނަން އެބަހުއްޓެވެ. ނަމަވެސް ބިރުގަންނާނެ ކަމެއް ނެތެވެ. މި އާދަޔާޚިލާފު ބައްޓަންތަކަކީ ބިރުވެރި ބޭރުދުނިޔޭގެ މަޚްލޫގުންތަކެއްގެ ސަބަބުން އުފެދިފައިވާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މާޒީގައި އެތަނުގައި ހުރި ފެނާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ބެލެވެއެވެ.
ނާސާގެ ކިއުރިއޯސިޓީ ރޯވަރ މި އާދަޔާޚިލާފު ހިލަތަކުގެ ފޮޓޯ ނަގާފައިވަނީ 'އެންޓޮފަގަސްޓާ' އާ ދިމާލަށް ދަތުރުކުރަނިކޮށެވެ. މިއީ މާސްގެ އީކުއޭޓަރާ ކައިރީގައިވާ 'ގޭލް ކްރޭޓަރ' ގެ ތެރޭގައި ހުންނަ 'މައުންޓް ޝާޕް' (ނުވަތަ އިއޮލިސް މޮންސް) ގެ ދަށުގައިވާ، ގާތްގަނޑަކަށް 33 ފޫޓު (10 މީޓަރު) ފުޅާ، ނިސްބަތުން އައު ވަޅުގަނޑެކެވެ.
މި "ފާހަގަތަކުގެ" ކަޅާއި ހުދުގެ ދެ ފޮޓޯއެއް ނާސާއިން އޭޕްރީލް 14 ގައި އާންމުކުރިއިރު، އޭގެ އަނެއް ދުވަހު ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ ސޮފްޓްވެއާ އަދި ސްޕޭސް ފްލައިޓް އިންޖިނިއަރެއް ކަމަށްވާ ކެވިން އެމް. ގިލް ވަނީ މި ހިލަތަކުގެ ކުލަ ފޮޓޯއެއް އާންމުކޮށްފައެވެ. (މި ފޮޓޯތައް ނަގާފައިވަނީ އޭޕްރީލް 7 އަދި 13 ގައެވެ. މިއީ މާސްގެ ވަގުތުން ބަލާނަމަ ސޯލް 4859 އަދި ސޯލް 4865 އެވެ.)
މި ހިލަތަކުގެ އާދަޔާޚިލާފު ބައްޓަމާއި، އެކަތި އަނެކައްޗާ ޖެހިގެން ހުރި ގޮތުން، މިއީ ކިނބޫފަދަ މަހްލޫގަކާއި ވައްތަރުއެއްޗެއްގެ ނިޝާންކަމަށް ގިނަބަޔަކު ބުނެއެވެ. އަދި ބައެއް މީހުން މަޖާޒީގޮތުން މިއީ ޑްރެގަންގެ ސިފަ ޖަހާ އެއްޗެއް ކަމަށްވެސް ބުނެފައިވެއެވެ.
މިގޮތަށް ހުރި ކިތައް ހިލަ ފޮޓޯ ނެގިފައިވާކަން ނުވަތަ އޭގެ ބޮޑުމިނަކީ ކޮބައިކަން މިވަގުތު ސާފުނުވި ނަމަވެސް، ނާސާގެ ބްލޮގް ޕޯސްޓެއްގައިވާ ގޮތުން މި ހިލަތައް އެތައް މީޓަރަކަށް ފެތުރިފައިވެއެވެ.
މިގޮތަށް ގިނަ ފަރާތްތަކެއް ހުންނަ ހިލަތައް ނުވަތަ "ޕޮލިގަންސް" ފެނުމުން ސައިންސްވެރިން ހައިރާނެއް ނުވެއެވެ. ނަމަވެސް، އެ ސަރަހައްދުގައި އެތަކެތި ހުރި މިންވަރު ގިނަކަމުން އެމީހުން ތިބީ ހައިރާންވެފައެވެ.
"އަހަރެމެން ދަތުރުކުރި ގިނަ ހިލަތަކުގައި މިފަދަ އާދަޔާޚިލާފު ސިފަތަކެއް ހުރި. ނިޝާންތަކެއް އެތައް ހާސް ޕޮލިގަންތަކެއް ހިލަތަކުގެ މަތީގައި ފެންނަން ހުރި،" ޖޭޕީއެލްގެ ޕްލެނެޓަރީ ސައިންޓިސްޓް އެބިގޭލް ފްރޭމަން ލިޔުއްވާފައިވެއެވެ. "މީގެ ކުރިންވެސް މިފަދަ ޕޮލިގަން ބައްޓަމުގެ ހިލަތައް ފެނިފައިވޭ، އެކަމަކު މިހާ ގިނަ އަދަދަކަށް ފެނިފައެއް ނުވޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ ކުރިންވެސް މާސްގެ އެކި ސަރަހައްދުތަކުން ކުދި އަދި ބޮޑެތި މިފަދަ ބައްޓަންތައް ފެނިފައިވެއެވެ. ކުރީގެ ހޯދުންތަކުން އެނގޭގޮތުގައި، މިފަދަ ބައްޓަންތައް އުފެދެނީ ތެތް މަޑު ނުވަތަ ގަނޑުފެން ހިކުމުގެ ސަބަބުންނެވެ. ނަމަވެސް، މިފަހަރު ފެނުނު ބައްޓަންތައް އުފެދުނު ގޮތެއް ސީދާ ބުނަން އަދި މާ އަވަހެވެ.
ކިއުރިއޯސިޓީން މިހާރު ވަނީ ގިނަ އަދަދެއްގެ ފޮޓޯއާއި ކެމިކަލް މައުލޫމާތު އެއްކޮށްފައެވެ. މީގެ ސަބަބުން މި ބައްޓަންތައް އުފެދުނު ގޮތާ ބެހޭގޮތުން ހުރި ތަފާތު ތިއަރީތަކުގެ ތެރެއިން ރަނގަޅު ގޮތް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް ފްރޭމަން ވިދާޅުވިއެވެ.
ޖަނަވާރުންނާ ވައްތަރު ސިފަތައް
އެންޓޮފަގަސްޓާއަށް ދިއުމުގެ ކުރިން، ކިއުރިއޯސިޓީން ވަނީ މައުންޓް ޝާޕްގައިވާ "ބޮކްސްވޯކް" ގެ ނަމުން ނަންދެވިފައިވާ ހިލަ ފަރުބަދަތަކެއް ދިރާސާކުރުމުގައި އަހަރެއްހާ ދުވަސް ހޭދަކޮށްފައެވެ. މި ސިފަތަކަށް މާސްގެ "މަކުނުވާ" އޭ ވެސް ކިޔެއެވެ. އެއީ އެތަކެތި ބިމުގެ މަތީގައި ދެކޮޅަށް ދެމިފައި ހުންނަ ގޮތުންނެވެ. އަދި ދާދި ފަހުން މި ރޮބޮޓަށް ވަނީ އެ ހިލަތަކުގެ އަރިމަތީގައި ތަތްވެފައި ހުރި ކުދި، ބިސް ބައްޓަމުގެ އެއްޗެހިތަކެއްވެސް ފެނިފައެވެ. މި "ދާގަނޑުތަކަކީ" މާސްގެ ބިމުން ފެންނަ ކަޅު ކުލައިގެ ކުރެހުންތަކެއް ފަދަ ސިފަތަކަށް ކިޔާ "ސްޕައިޑާސް އޮން މާސް" އާ އޮޅުންއަރުވައިގެން ނުވާނެއެވެ.
2012 ވަނަ އަހަރު ރަތް ޕްލެނެޓަށް ޖެއްސި ފަހުން، ރޯވަރ ވަނީ ޖަނަވާރުންނާ ވައްތަރު ގޮތްތަކެއް ހުރި އެހެން ބައެއް ތަކެތީގެ ފޮޓޯވެސް ނަގާފައެވެ. މީގެ ތެރޭގައި ހައިރާންވާހާ ބޮޑަށް މުރަކައާ ވައްތަރު ހިލައިގެ އުފެދުމެއް ހިމެނެއެވެ.
ނާސާގެ އަނެއް ރޯވަރ ކަމަށްވާ 'ޕާސިވިއަރެންސް' އަށް ވެސް 2021 ވަނަ އަހަރު އެ ގްރަހައަށް ޖެއްސި ފަހުން މިފަދަ ތަފާތު ސިފަސިފައަށް ހުންނަ ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި ބޮލާއި ބޭރު ތޮށިގަނޑު ސާފުކޮށް ފެންނަން ހުރި "ވެލައެއް" ފަދަ ހިލައެއް ހިމެނެއެވެ. މީގެ އިތުރުން، މާސްގެ ވަށައިގެން ދަތުރުކުރާ އުޅަނދުތަކަށް ވެސް އާދަޔާ ހިލާފު ބައެއް މަންޒަރުތައް ފެނިފައިވެއެވެ. އޭގެ ތެރޭގައި "ކޮކާލެއްގެ" ބައްޓަމަށް އިން ވަޅުގަނޑަކާއި، މާސްގެ އުތުރު ޕޯލް ދަށުގައި ވަޅުލެވިފައިވާ "ކުއްތާއެއް" ފަދަ ސިފައެއް ހިމެނެއެވެ.
މާސްއިން "ޑްރެގަންގެ ނިޝާންތަކެއް" ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ