ދެން ފެށޭނީ ޕީއެންސީގެ "ހަގީގީ" ވެރިކަމެއް، ޕާޓީ މެންބަރުން އުފާވާނެ: ޝުޖާޢު

މާ ގިނަ ދުވަހެއްނުވެ، ވެރިކަންކުރާ ޕީއެންސީގެ "ހަގީގީ" ވެރިކަން ދެން ފެށޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ގައުމަށް އަންނާނީ ހެޔޮ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ރޭ ވިދާޅުވެއްޖެއެވެ. މި މަހު ކުރީކޮޅު އޮތް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ، ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޕީއެންސީގެ މުޅި ލީޑަޝިޕުން "އިޚުލާސްތެރި، ތެދުވެރި" މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. "ދެން ފެށޭނީ ޕީއެންސީގެ ހަގީގީ ވެރިކަން، މި ވެރިކަން ފެށިގެން ދާއިރު އަތޮޅުތެރޭގައި ތިއްބަވާ އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުން ވަރަށް އުފާވާނެ، އަންނާނެ ބަދަލު، އަންނާނީ ހެޔޮ ބަދަލު، އެ ބަދަލަށް އަޅުގަނޑުމެންގެ ޕާޓީގެ ގްރާސްރޫޓު ތައްޔާރުވާންވީ. އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕުން ވަރަށް އިޚްލާސްތެރި ތެދުވެރި މަސައްކަތް އިރާދަފުޅުކުރެއްވިއްޔާ އެ ބަދަލުތައް ގެނެސްދިނުމަށްޓަކައި ތިޔަ ލޮބުވެތި ރައްޔިތުންނާ އެކީގަ ވާނަން،" ޝުޖާޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނެގި ލޯނުތަކުގެ ތެރެއިން 925 މިލިއަން ޑޮލަރުގެ ލޯނު މި މަހުގެ ތެރޭ ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ. https://sun.mv/221026 ރަށްރަށުގައި މަޝްރޫއުތައް ނުހިނގައިގެން އުޅެނީ ޝުޖާޢު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ނެގި ލޯނުތައް މި ސަރުކާރުން ދައްކަން ޖެހިފައި އޮތުމުގެ ސަބަބުންނެވެ. އެ ލޯނުތަކުގެ ސަބަބުން ރައްޔިތުން ބުރަ އުފުލަން ޖެހި، ބާރު ސްޕީޑުގައި މަޝްރޫއުތައް ނުގެންދެވުނު ކަމަށް ޝުޖާޢު ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑުމެން ވަރަށް ޖަޒުބާތުވޭ، އަޅުގަނޑުމެންގެ ހިތަށް ވަރަށް އަސަރުކުރޭ، އެހެންވީމާ ދަންނަވަން ބޭނުންވަނީ، އެ ބުނާ ކަހަލަ "ބަދަލެއް" ބޭނުމެއް ނޫނޭ އަޅުގަނޑުމެންނެއް،" ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްގެ "ބޮޑު ބަދަލެއް"ގައި އަލިއަޅުވާލާފައި ހުރި ކަންކަމަށް އިޝާރާތްކުރައްވައި، ޝުޖާޢު ވިދާޅުވިއެވެ. https://sun.mv/220838 ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޝުޖާޢު ވިދާޅުވީ، ދިވެހީން ބޭނުންވަނީ "ދިވެހީންގެ ރާއްޖެ"އެއް އަމާން އައްސޭރިއަކަށް ގެންގޮސް އެ ރާއްޖޭގައި ދިރިއުޅެން ކަމަށެވެ. "އަނެއް ދިވެހިރާއްޖެ"އަކީ ވަރަށް ނާމާން ތަނެއްގެ ގޮތުގައި ސިފަކުރައްވައި ޝުޖާޢު ވިދާޅުވީ، "އެ ރާއްޖޭގައި" ދައުލަތުގެ ހަރުމުދާ ވިއްކިޔަސް މާ ބޮޑު ކަމަކަށް ނުވާނެ ކަމަށާއި، "އެ ރާއްޖޭގައި" މަތިމައްޗަށް ލޯނު ނަގައި ދައްކާނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ. ޞާލިޙުގެ ވެރިކަމަށް ފާޑުވިދާޅުވެ، ޝުޖާޢު ވިދާޅުވީ، "ޖަޒީރާ ރާއްޖެ" ބަދަލުވީ "މިނިކާ ރާއްޖެއަކަށް" ކަމަށާއި އެ ރާއްޖޭގައި ނެގިހާ ލޯނު ނެގީ މުހިންމު ތަންތަން މޯގޭޖުކުރުމަށް ފަހު ކަމަށެވެ. ޝުޖާޢު ވިދާޅުވީ، މިއަދުގެ ދިވެހި ދައުލަތަށް ބަންކަރިންއިން 750 މިލިއަންގެ ރުފިޔާ ފައިދާ ލިބިއްޖެ ކަމަށާއި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭ ބަނދަރެެއް ލިބިއްޖެނަމަ ކައިރި އެއްވެސް ގައުމަކަށް ރާއްޖެ "އަތު ނުވާނެ" ކަމަށެވެ. https://sun.mv/220319 އޭނާ ވިދާޅުވީ، ބަރާބަރަށް ޑޮލަރާއި ގޭހާއި ކާބޯތަކެތި އާންމުންނަށް ލިބެމުން އަންނަ ކަމަށެވެ. އަދި، ޚާއްސަ ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ވެސް ދެ ހަފުތާ ތެރޭ ބޭސް ލިބޭ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންވީމާ އެއަށް ވެސް [އެމްޑީޕީއަށް] ބުނެލަން އޮތީ ދެން 'ލުލް'އޭ،" ޝުޖާޢު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ