މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖޭގެ މަސްވެރިންނަށް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ކޮށައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމެވެ. މި މަގްސަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މި މަސައްކަތާއި ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ މަސްވެރިކަމަށް އަބަދުވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ތެލުގެ އަގަށް އަންނަ ބަދަލުކަމަށެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެލުގެ އަގަށް ބަދަލު އަންނަން ފެށުމާއި ގުޅިގެން ސަރުކާރުން ވަގުތުން ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަވެސް އެސްޓީއޯ ޝެޑް ރޭޓުގައި ބޮޑު ކަންނެލި މަސްވެރިންނަށް މާލެ ސަރަހައްދުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. ހަމައެއާއެކު މިފްކޯއިން، އެތަނައް މަސްވިއްކާ ފަރާއްތަކަށް ހަނގުރާމަ ފެށުނުއިރު ތެލުގެ އަގު ހުރި އަގައް ވުރެއް ބޮޑުނުވާގޮތައް ތެޔޮ ވިއްކާނެ އިންތިޒާމު ހަމަ ޖައްސާދިން" މުއްތަލިބް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު މުއްޠަލިބް ވިދާޅުވީ މި މަސައްކަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިން މަހަށް ފުރަން ނުޖެހި ތިބުމުން ސަލާމަތްކޮށް މަސްވެރިކަމަކީ އަބަދުވެސް ދެމެހެއްޓެނިވި މަސައްކަތެއްގެ ގޮތުގައި ބޭއްވުންކަމަށެވެ. މުއްޠަލިބް ވިދާޅުވީ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ތެޔޮ ދޫކުރެވެމުން ދިޔައީ ބޮޑު ކަންނެލި މަސްވެރިންނަށް ހުޅުމާލެއާއި ހިންމަފުށިން އަދި ކަޅުބިލަ މަހުގެ މަސްވެރިންނަށް އަމާޒުކޮށްގެން ތެޔޮ ދޫކުރަމުން ދިޔައީ ފެލިވަރާއި ކޫއްޑޫ އަދި ސ. ހުޅުމީދޫއިންކަމަށެވެ. އެހެންނަމަވެސް މިއީ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި އެކަށީގެންވާ ހައްލަކަށް ނުވުމާއެކު ސަރުކާރުން ނިންމީ މިވަގުތު އެސްޓީއޯއިން ތެޔޮ ދޫކުރާ 13 ރަށަކުން ތެޔޮ ލިބޭނެ މަގު ފަހިކުރުމަށްކަމަށެވެ. މި 13ރަށަކީ އެސްޓީއޯގެ ޝެޑްތައް ހުރި ރަށްތަކެވެ.
މުއްޠަލިބް ވިދާޅުވީ މަސްވެރިނަށް ފޯރުކޮށްދޭ ތެޔޮ ހުސްނުވެ ލިބޭނެކަމުގެ ޔަގީކަން އެސްޓީއޯއިން އަބަދުވެސް ދެމުންދާކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލައް އަންނަ ބަދަލާއެކު އެސްޓީއޯއިންވެސް ތެޔޮ ގަންނަން ޖެހެނީ އަގު ބޮޑުކޮށްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން އެހެން އޮތްކަމުގައި ވީނަމަވެސް ރާއްޖެއިން ތެޔޮ ހުސްނުވެ ލިބެން ހުންނާނެކަމަށެވެ.
"ފިނޭންސް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން މިކުރާ މަސައްކަތަކީ މަސްވެރިންނަށް އަގުބޮޑުނުވެ ހުސްނުވެ ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުން. މިކަހަލަ ދަތި ދުވަސްވަރެއްގައި ހުރިހާ ބޭފުޅުން ބޭނުންވާ ކުއަންޓިޓީއަށް ދިނުމުގައި ދަތިތަކެއް އެބަހުރި. އެހެންނަމަވެސް މަސްވެރިންނާއި އޮޑިވެރިންނާއި ދައިރާގެ ބޭފުޅުންނާއެކު އެއްބަސްވެވުނު މިންވަރަށް ފޯރުކޮށްދެމުން މިދަނީ އެކަމުގައި ދަތިކަމެއް ނުހުންނާނެ" މުއްތަލިބް ވިދާޅުވިއެވެ.
މަސްވެރި އުޅަނދުތަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ މަގު ފަހިވުމުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހެޔޮ އަގުގައި ތެޔޮ ލިބުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ލުޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ