ނިމުނު ހަފުތާ: ބޮޑު ދަރަންޏެއް ޚަލާސްކުރުން، ވޯލްޑްކަޕް ހިލޭ

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (18 އެޕްރީލް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަރިއަތޮޅު އުތުރުބުރީ ރަސްދުއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް ވަޑައިގަންވާފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރަސްދޫއާއި އެދާއިރާއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށެވެ. އެ ރަށުގައިވަނީ ޖަލްސާއެއް ބާއްވާފައެވެ.
- ކައުންސިލެއްގެ އެއްބާރުލުން ނުލިބިގެން ވަޢުދުތައް މަޑުޖެހުނަކަނުދޭނެކަމަށް ރައީސް ވިދާޅުވުން
- ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުކަމަށް ރައީސް ވިދާޅުން
- ސްކޫކް ނެގުމަށް ރަހުނުކުރި ދައުލަތުގެ ބިންތައް ސަލާމަތްކުރެވިއްޖެކަމަށް ރައީސް ވިދާޅުވުން
(20 އެޕްރީލް) ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. މިދިޔަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
- ޤާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ނުވިސްނަވާކަމަށް ރައީސް ވިދާޅުވުން
- ކޮންޓްރެކްޓަރު އެދިގެން ބުރިޖު ނިންމަން އިތުރު މުއްދަތެއް ދިނުން
- ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ޤާނޫނު އިސްލާހު ކުރަން ނިންމެވުން
- ސަރުކާރުގެ އެއްވެސް މަޤާމަކަށް މެރިޓް ބޭސްޑްކޮށް ނޫން ގޮތަކަށް މަޤާމުތަކަށް މީހުން ނެގިގެން ނުވާނެކަމަށް ރައީސް ވިދާޅުވުން
(20 އެޕްރީލް) ތ. ގާދިއްފުށީގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. ގާދިއްފުށީގެ 11 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ރައީސް ވިދާޅުވިގޮތަށް އެ މަސައްކަތް 8 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.
(18 އެޕްރީލް) ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލީ ވުޒާރާއިން މިގޮތަށް އަންގަވާފައިވަނީ 17 އެޕްރީލް 2026 ގައި ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
ނިމުނު ހަފުތާގައިވަނީ ބައެއް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައެވެ. (22 އެޕްރީލް) އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. ކުޅިވަރު ލާމަރުކަޒީ ކުރަން ވަޒީރަށް ލަފާދޭން މައުރޫފް އަހުމަދު އައްޔަން ކުރެއްވީވެސް ހަމަ އެދުވަހުއެވެ. (23 އެޕްރީލް) އަދި އެލްޖީއޭގެ ރައީސްގެ މަޤާމަށް މާލީ ވަޒީރު މޫސާ ޒަމީރު އައްޔަންކުރެއްވީ ބުރާސްފަތި ދުވަހުއެވެ. އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ. މީގެކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް ވަޒީރުކަމުގެ މަގާމުން އާދަމް ޝަރީފް އުމަރު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމު ވަނީ ހުސްވެފައެވެ.
(20 އެޕްރީލް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާދެއްވޭ ހޯމަ ދުވަހުއެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ އެމަޤާމަށް އޭރު ނަން ހުށަހެޅުއްވި ބޭފުޅުންގެ މެދުގައި ކުރިއަށްގެންދިޔަ އިންޓަވިއުގައި އެންމެ މަތީން މާކްސް ލިބިވަޑައިގެން މަޤާމަށް އައްޔަންކުރެއްވި އަމްޖަދު މުސްތަފާ އެމަޤާމުން އިސްތިއުފާދެއްވި ސަބަބަބެއް ހާމަކުރައްވާފައިނުވެއެވެ.
(23 އެޕްރީލް) ފެނަކަ ކޯޕަރޭޝަނުން ލިމިޓެޑުން، ބ.އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ޙަވާލުވުމަށް ހަމަޖެހިފައިވެއެވެ. މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެއެވެ.
(23 އެޕްރީލް) ރިޒާވް ބެންކު އޮފް އިންޑިޔާއިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދައްކާ ޚަލާސްކޮށްފައިވާކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މިލޯނަކީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޤާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. މި ލޯނު ދައްކަންޖެހޭ ސުންގަޑި ހަމަވިއިރު، ރާއްޖެއިން މި ލޯނު ދައްކާ ޚަލާސްކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފައިވާއިރު، އިންޑިޔާއިން މިހާރު ވަނީ އިތުރު 30 ބިލިޔަން އިންޑިއާ ރުޕީސް ނުވަތަ 319 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ. އިންޑިއާއިން މި ލޯނު ހަމަޖައްސައިދެއްވުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ.
(18 އެޕްރީލް) ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރުގައި، ވެރިކަންކުރާ ޕީއެންސީން 3 ގޮނޑި ކާމިޔާބުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބުރުގެ ނަތީޖާ ދައްކާގޮތުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. ޕީއެންސީން ކާމިޔާބުކުރީ ހއ.ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ.ނޭކުރެންދޫ އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެވެ.
(19 އޭޕްރީލް) މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީން 584 ގޮނޑި އަދި އެމްޑީޕީން 563 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށް ރަސްމީ ނަތީޖާއިން ދެއްކީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ނަތީޖާއިން ދައްކާގޮތުގައި ކުރިއަށް އޮތް ދައުރަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމިޓީތަކުގެ ގޮނޑިތަކަށް އެންމެ ގިނަ އަދަދަކަށް މެންބަރުން އިންތިޚާބުވެފައިވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީންނެވެ. އެގޮތުން، މި އިންތިޚާބުގައި އިންތިޚާބުވި 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، އިންތިޚާބުވި މެންބަރުންނެވެ.
(23 އެޕްރީލް) ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓް ގުޅިގެން، މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ހިލޭ ބެލޭނެ އިންތިޒާމުތައް ހަމަޖައްސާ އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މީޑިއާނެޓުގެ ނެޓުވޯކްގެ ތެރެއިން، ޕީއެސްއެމްގެ ޔެސް ޓީވީ އަދި ޓީވީއެމް އިން މުޅިން ހިލޭ ވޯލްޑްކަޕްގެ ހުރިހައި މެޗެއް ބަލާލެވޭނެއެވެ. މިޑިއާނެޓުގެ ކޭބަލް ޑިވައިސްތަކާއި ޓީވީ އަދި މޯބައިލް އެޕު މެދުވެރިކޮށް ހިލޭ ވޯލްޑްކަޕް ފެންނާނެއެވެ. ވޯލްޑްޕްގެ ދުވަސްވަރު މިޑިއާނެޓުގެ ޕެކޭޖަށް ފައިސާ ނުދެއްކިޔަސް މެޗުތައް ދައްކާ ޗެނަލްތައް ފެންނާނެއެވެ. ވޯލްޑް ކަޕަށް ޙާއްސަކޮށްގެން ޕީއެސްއެމް އިން ޙާއްސަ ޕްރީޝޯރ ތަކާއި، ގުޅުންހުރި އެކިއެކި ކޮންޓެންޓު ގެނެސްދޭނެއެވެ. އަދި ޤާބިލް އެނަލިސްޓުންނާއެކު، މެޗަށް ޙާއްސަ ޕްރޮގްރާމްތަކާއި ގުޅުންހުރި އެކިއެކި ޕްރޮގްރާމްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
(22 އެޕްރީލް) ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ މަނާރު، މުޙައްމަދު ނިޒާމުގެ މައްޗަށް ގަސްދުގައި މީހަކު މާރާލި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ކްރިމިނަލް ކޯޓުން ވިދާޅުވީ، ލިޓަންގެ މަރުގެ މައްސަލާގައި މުޙައްމަދު ނިޒާމުގެ މައްޗަށް 3 ދަޢުވާއެއް ކުރުމަށް ހުށަހެޅި ކަމަށެވެ. އެ 3 ދަޢުވާވެސް ސާބިތުވެ ކޯޓުން ވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ނިޒާމް 25 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ. އަދި އޭނާގެ މައްޗަށް ވަނީ، ޑައިމޮފިންގެ މުޢާމަލާތް ކުރިކަމުގެ ތުޙުމަތުގައި 15 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމާއިއެކު ވައްކަން ކުރި ކަމުގެ ތުޙުމަތުގައި 1 އަހަރު ދުވަހަށް ޖަލަށް ލުމަށްވެސް ޙުކުމްކޮށްފައެވެ. މިއާއެކު ކްރިމިނަލް ކޯޓުން އޭނާއަށް ވަނީ، 41 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ