އާލިއާ، އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ފިލްމެއް ގެނެސްދެނީ
ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްއިން މަގުބޫލު ސްޓްރީމިންގް ޕްލެޓްފޯމް އެމެޒޯން ޕްރައިމް ވީޑިއޯއަށް ފިލްމެއް އުފައްދަން ނިންމިކަން އިއުލާނުކޮށްފިއެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން އިއުލާނުކުރި ގޮތުގައި ސަންޝައިން ޕްރޮޑަކްޝަންސްއާ ގުޅިގެން އެ ޕްލެޓްފޯމްއިން ގެނެސްދޭން ނިންމި ފިލްމަކީ "ޑޯންޓް ބީ ޝައި"ގެ ނަމުގައި ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. މިއީ މިހާރުގެ ޒުވާނުންނާ ގުޅޭގޮތަށް ބައްޓަން ކުރެވިފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް މި ފިލްމުގައި ޒުވާން އުމުރުގެ ކުދިން ފުރާވަރަށް އަރަމުން އަންނައިރު ތަޖުރިބާކުރާ ރަހްމަތްތެރިކަމުގެ ގުޅުންތަކާއި ލޯބީގެ ގުޅުންތަކުގެ ސަބަބުން ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތައް ދައްކުވައިދޭނެ ކަމަށް ޕްރައިމްއިން ވަނީ ބުނެފައެވެ. ޑައިރެކްޓަރު ސްރީތީ މުކަރުޖީ އާލިއާ ބަޓްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްގެ ފަރާތުން މި ފިލްމުގައި ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކުރާނީ އާލިއާ ބަޓް އާއި ބަތަލާގެ ދައްތަ ޝާހީން ބަޓްއެވެ. މި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ދަރުމާ ޕްރޮޑަކްޝަންސްގެ ގިނަ ފިލްމުތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ސްރީތީ މުކަރުޖީއެވެ. އާލިއާގެ ފިލްމު ކުންފުންޏާ އެކު މަސައްކަތް ކުރުމަށް ލިބުނު ފުރުސަތާ އެކު ވަރަށް ބޮޑު އުފަލެއް ލިބިފައިވާއިރު ކުޅަދާނަ ބަތަލާ އަކީ ޖަޒުބާތީގޮތުން ވަރަށް މުއްސަނދި ހިޔާލުތަކެއް ފާޅުކުރާ ފިލްމީ ތަރިއެއް ކަމަށް އެމެޒޯން ޕްރައިމް ވީޑިއޯގެ އިންޑިއާގެ ގޮފީގެ ޑައިރެކްޓަރު ނިކިލް ވަނީ ބުނެފައެވެ. އާލިއާގެ ފިލްމު ޕްރޮޑަކްޝަން ކުންފުނިން މިހާތަނަށް ގެނެސްދިން ފިލްމުތަކުގެތެރޭ "ޑާލިންގްސް"، "ޖިގްރާ" އަދި ކްރައިމް ސީރީސް "ޕޯޗާ" ހިމެނެއެވެ. މި ފިލްމުތަކުގެ ތެރެއިން އާލިއާ އާއި ޝާހީން ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވި ވެބް ފިލްމު "ޑާލިންގްސް"އަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފިލްމުފެއާ އޯޓީޓީ އެވޯޑްސްގެ 11 ނޮމިނޭޝަނަކަށް ހޮވި ފަސް އެވޯޑެއް ވަނީ ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ