ޕެންޝަން ބޯޑުގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ، ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުވާވާނެ ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެ އެވެ.
ތަފްސީލް - އެ މަގާމަށް މީހަކު ހޯދަން ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާންގައިވާ ގޮތުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވާ ހޯމަ ދުވަހުގެ 2 ޖެހުމާ ހަމައަށް އޮންނާނެ އެވެ.
މަގާމުގެ ޝަރުތަކީ:
ވިޔަފާރި، އިގްތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން
 ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުން
އެ އިއުލާންގައިވާ ގޮތުން، ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެ އެވެ. އެއަށް ފަހު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ މީހުންގެ ޝަރުތު ހަމަވާކަން ޔަގީންކުރާނެ ކަމަށް ބުންޏެވެ. އެ މަގާމަށް މީހަކު އައްޔަންކުރައްވާނީ ރައީސް މުހައްމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ