ދަރިވަރުންގެ ޕެޓިޝަނާއެކު، އަމިއްލަ ގޮތުން މެއި/ ޖޫންގައި އޭލެވެލް ހަދަން ފުރުސަތު ދެނީ

މެއި, ޖޫންގައި އޭލެވެލް، އެޑެކްސެލް ހަދަން ފަށަން އެދި ދަރިވަރުންތަކެއް ޕެޓިޝަނެއް ފުރަނިކޮށް، އަމިއްލަ ގޮތުން ޓެސްޓު ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ދޭން ނިންމައިފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. ދެހާސް ނަވާރައަށް ފަހުގައި، މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ވަނީ ނިންމާލާފައެވެ. އެގޮތުން، މިހާރު ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގައެވެ. އޭގެފަހުން މިދިޔަ އަހަރަށް ރާއްޖޭގައި، މެއި، ޖޫންގައި އޭލެވެލް ނުހަދާތާ ފަސް އަހަރު ވަނީ ފުރިފައެވެ. ބައެއް ދަރިވަރުން ވަނީ، އަހަރަކު އެންމެ ފަހަރަކު އިމްތިހާނު ބޭއްވުމަކީ ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ބުނެފައެވެ. އެހެންވެ، އެ ކުދިން ވަނީ މެއި، ޖޫންގައި ވެސް އިމްތިހާނު ބާއްވައިދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައެވެ. ތަފާސްހިސާބުތަކާ ހަވާލާދީ، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ދުވަސް ވަރު އޭލެވެލް ހެދުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި އެވަރެޖުކޮށް 30،000އަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށެވެ. އެ ކަމަށް ހައްލެއް ހޯދުމަށް ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މި އަހަރުން ފެށިގެން މެއި، ޖޫންގައި އެ އިމްތިހާނު ބާއްވަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ: އަމިއްލަ ގޮތުން މެއި، ޖޫންގައި އޭލެވެލް ހަދަން ފުރުސަތު ދޭން މިނިސްޓްރީން ވަނީ ނިންމައިފައި -- މިގޮތުން، އެ އިމްތިހާނާ ގުޅޭ މައުލޫމާތު އަންނަ ބުދަ ދުވަހުން ފެށިގެން ޑިޕާޓުމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމުކުރަމުން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ، އެޑެކްސެލް މެއި، ޖޫން ފެށި ނަމަވެސް، ސުކޫލު ދަރިވަރުންނަށް އޭލެވެލް އިމްތިހާނު އޮންނާނީ އޮކްޓޫބަރު، ނޮވެންބަރުގައި ކަމަށެވެ. ދަރިވަރުންގެ ޕެޓިޝަންގައި ވަނީ، އަހަރަކު އެއް ފަހަރު އޭ ލެވެލް އިމްތިހާނު ބޭއްވުމުން ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ، އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެ ނަމަ، އަލުން އިމްތިހާނު ހަދައިގެން ނަތީޖާ ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބުން ކަމަށެވެ. އޭ ލެވެލް ގަދަ 10 އެއް ހޮވައި، ސްކޮލާޝިޕްތައް ކަނޑައަޅާއިރު، ދަށްވި ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގައި އެ ފުރުސަތު ލިބެނީ އަހަރެއް ފަހުންނެވެ. މީގެ ސަބަބުން ގިނަ ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ގެއްލި، ބޭކާރު ވަގުތުތަކެއް ހޭދަވާކަން ދަރިވަރުން ފާހަގަކުރެއެވެ. https://sun.mv/217465 ދަރިވަރުން ބުނާ ގޮތުގައި، އަހަރަކު އެންމެ ފަހަރަކު އިމްތިހާނު ބޭއްވުމަކީ ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ރާއްޖޭގައި މިހާރު އޮތް ގޮތުން، ގްރޭޑް 11 ގެ ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ނަމަ، ގްރޭޑް 12 ގެ މާއްދާތަކާއެކު އެއްފަހަރާ ގިނަ އިމްތިހާނުތަކެއްގައި ބައިވެރިވާން ޖެހެއެވެ. މީގެ ސަބަބުން ކިޔެވުމަށް ލިބޭ ވަގުތު މަދުވެ، ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި އުނގެނުމުގެ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހޭ ކަމަށް ދަރިވަރުން ބުނެއެވެ. ދަރިވަރުން އަންނަނީ ޕެޓިޝަން މޭ ޖޫން އަށް ބަދަލުކޮށްފިނަމަ ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެ، ޕާސް ޕަސެންޓޭޖް އިތުރުވެގެން ދާނެ ކަމަށް ބުނަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ