ލަންޑަން (މެއި 20) - އާސެނަލުން 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އާސެނަލަށް ޗެމްޕިއަންކަން ލިބިފައިވަނީ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުންނެވެ. ބޯންމައުތުގެ ޖޫނިއާ ކްރޫޕީ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިންއިރު، ސިޓީ އަށް ލަނޑެއް ޖަހައި އެއްވަރުކުރެވޭ ގޮތްވީ އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ.
ސިޓީ އަށް ބޯންމައުތު އަތުން މޮޅެއް ނުލިބުމުން އާސެނަލަށް ލީގު ޔަގީންވީ އެވެ. އާސެނަލަށް 37. މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ.
ބާކީ އެއް މެޗު އޮއްވައި، އާސެނަލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިއީ، 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަަ ފަހަރެެވެ. އަދި، މިދިޔަ ހަ ވަރަކަށް އަހަރު ތެރޭ އާސެނަލަށް ލިބުނު ފުރަތަަމަ ތަށްޓެވެ. އަނެއްކޮޅުން، މިއީ، 2019 ވަނަ އަހަރު އާސެނަލާ ހަވާލުވި ކޯޗު، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ބޮޑު ދެ ވަަނަ ކާމިޔާބެވެ. އާޓެޓާގެ ކޯޗުކަމުަގައި މީގެ ކުރިން އާސެނަލުން އެފްއޭ ކަޕް ހޯދާފަައިވެ އެވެ.
ފާއިތުވި ތިން ސީޒަނުގައި ވެސް އާސެނަލުން ލީގު ނިންމާލާފައިވަނީ ދެ ވަަނައިގަ އެވެ. އެކަމަކު، މި ފަހަރުގެ ސީޒަނުގައި އެ ޓީމުން މި ވަނީ އެއް ވަނަ މަގާމު ދަމަހައްޓަން ލިބުނު ހުރިހާ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ޗެމްޕިއަންކަން ހޯދައިފަަ އެވެ.
އާސެނަލަށް މި ސިޒަނުގައި އަދިވެސް ތާރީހީ ކާމިޔާބެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން މި މަހު 30 ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އާސެނަލުން 20 އަހަރު ފަހުން ކުޅޭއިރު،. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ކުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ފައިނަލެވެ. ޗެމްޕިއަންސް ލީގަކީ އާސެނަލަށް ނުލިބި އޮތް ކާމިޔާބެކެވެ.
ސިޓީން ވަނީ މި ސީޒަނުގައި ލީގު ކަޕް ފައިނަލުގައި، އާސެނަލްގެ މައްޗަށް ކުރިހޯދައިފަ އެވެ.
އާސެނަލުން 22 އަހަރަށް ފަހު ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ