ސްޕޭނުގެ މަޝްހޫރު ފޭޝަން ބްރޭންޑް "މެންގޯ" ގެ ބާނީ އީސާކް އަންޑިކް ޑިސެމްބަރު 2024 ގައި ފަރުބަދައަކަށް އަރައިގެން އުޅެނިކޮށް ވެއްޓި މަރުވި ހާދިސާއާ ގުޅިގެން، ސްޕޭނުގެ ފުލުހުން އަންގާރަ ދުވަހު އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.
ބާސެލޯނާ ކައިރީގައިވާ މޮންސެރާޓް ފަރުބަދަމަތިން ވެއްޓި، 71 އަހަރުގެ ބިލިއަނަރު އީސާކް މަރުވިއިރު އޭނާއާ އެކު ހުރީ އޭނާގެ ދަރިފުޅު ޖޮނަތަން އަންޑިކް އެކަނި ކަމަށް ކަޓަލޫނިއާގެ ސަރަހައްދީ ފުލުހުން ބުނެ އެވެ.
އޭއެފްޕީގެ ރިޕޯޓަރަކު ބުނި ގޮތުގައި، އުމުރުން 45 އަހަރުގެ ޖޮނަތަންގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން ވަނީ ސުވާލުކުރުމަށް، ބާސެލޯނާ ކައިރީގައިވާ މާރްޓޮރެލްގެ ކޯޓަކަށް ހާޒިރުކޮށްފަ އެވެ.
އާއިލާއާ ގާތް ފަރާތްތަކުން ބުނެފައިވަނީ ޖޮނަތަންގެ މައުސޫމްކަމާ މެދު "ފުރިހަމަ" އިތުބާރު އެބައޮތް ކަމަށާއި، އޭނާއާ ދެކޮޅަށް ހެކިބަހެއް ނުދެއްކޭނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކަށް އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ، ކުށް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށް ބެލުމަށް ވަނީ ގޮވާލައިފަ އެވެ.
އީސާކް މަރުވި ދުވަސްވަރު ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އޭނާ ވެއްޓުނީ ކޮލްބާޓޯ ސަރަހައްދުގެ ސަލްނިޓްރޭ ހޭހާލުގެ ކައިރިން، ވަރަށް އުސް އަދި ނުރައްކާތެރި ހިސާބަކުން ކަމަށެވެ. ފުރަތަމަ ތަހުގީގަށް ބެލެވުނީ، ސްޕޭނުގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ އީސާކް ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގެ ގޮތުގަ އެވެ. އަދި ޖިނާއީ އެއްވެސް އަމަލެއް ހިންގާފައިވާ ކަމުގެ ހެކި ނެތުމުން، ފަނޑިޔަރު ވަނީ ޖެނުއަރީ 2025 ގައި އެ މައްސަލަ ފައިލްކޮށްފަ އެވެ.
ނަމަވެސް، ޖޮނަތަން އަންޑިކް ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން، ކަޓަލޫނިއާގެ ސަރަހައްދީ ފުލުހުންނާއި ޕްރޮސެކިއުޓަރުން ގުޅިގެން އޮކްޓޯބަރު 2025 ގައި މި މައްސަލަ އަލުން ވަނީ ހުޅުވައިފަ އެވެ.
ސްޕޭނުގެ "އެލް ޕާއިސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީސާކް މަރުވިތާ މާގިނަ ދުވަހެއް ނުވެ، ފުލުހުން ވަނީ ޖޮނަތަންގެ ފޯނު އަތުލައިފަ އެވެ.
އެ ނޫހުގައިވާ ގޮތުން، އީސާކްގެ ބައިވެރިޔާ އަދި ޕްރޮފެޝަނަލް ގޮލްފް ކުޅުންތެރިޔާ އެސްޓެފާނިއާ ކްނޫތު ދިން ބަޔާނުގައި، ބައްޕަ އާއި ދަރިފުޅާ ދެމެދު އޮތް ގުޅުން ބައެއް ފަހަރު ވަރަށް ގޯސްވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ސަބަބަކީ މެންގޯ ކުންފުނީގައި ޖޮނަތަން އަދާކުރާ ދައުރާ މެދު ދެމީހުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދުމެވެ.
އީސާކް 2014 ވަނަ އަހަރު ވަނީ ކުންފުނީގެ ހިންގުމުގެ ބޮޑު ޒިންމާއެއް ޖޮނަތަންއާ ހަވާލުކޮށްފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ކުންފުންޏަށް މާލީ ދަތިތަކެއް ކުރިމަތިވުމުން، ބައްޕަ އަލުން ކުންފުނީގެ ކޮންޓްރޯލް ނެގި އެވެ. މީގެ އިތުރުން، އީސާކްގެ ވަސިއްޔަތާ ގުޅިގެން، ކްނޫތު އާއި އީސާކްގެ ތިން ދަރިންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަޓަލޫނިއާގެ ހައިކޯޓުން އަންގާރަ ދުވަހު ބުނީ، މި މައްސަލައަކީ ސިއްރު ތަހުގީގެއްގެ ގޮތުގައި ކުރިއަށްދާ މައްސަލައެއް ކަމުން އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ.
ޖޮނަތަން އަންޑިކް ވަނީ ބައްޕަގެ މަރުގެ އެއްވެސް ޒިންމާއެއް އުފުލަން ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނާ ގޮތުގައި އެއީ ހިނގި އެކްސިޑެންޓެކެވެ.
ޖޮނަތަން އަންޑިކް މެންގޯ ކުންފުނީގައި މަސައްކަތް ކުރަން ފެށީ 2005 ގައެވެ. އޭގެ ދެއަހަރު ފަހުން "މެންގޯ މޭން" ލައިން ހިންގަން ފެށި އެވެ. ބައްޕަ މަރުވިއިރު އޭނާއަކީ ކުންފުނީގެ ބޯޑުގެ ވައިސް ޗެއާމަނެވެ.
އިސްތަންބޫލަށް އުފަން އީސާކް، އޭނާގެ އާއިލާއާ އެކު ތުރުކީން ބާސެލޯނާއަށް ބަދަލުވީ 1960 ގެ އަހަރުތަކުގެ ފަހުކޮޅު، އޭނާގެ ފުރާވަރު އުމުރުގަ އެވެ.
އޭނާގެ ބޭބެ ނަހްމަންއާ ގުޅިގެން، ބާސެލޯނާގެ މަޝްހޫރު ޝޮޕިންގް މަގު ކަމަށްވާ "ޕަސެއޯ ޑި ގްރާސިއާ" ގައި ފުރަތަމަ މެންގޯ ފިހާރަ ހުޅުވީ 1984 ގައެވެ. އެ ފިހާރައަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ.
އޭގެ ފަހުން މެންގޯ ބްރޭންޑް މުޅި ސްޕޭނަށް ފެތުރި، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2,850 އަށްވުރެ ގިނަ ފިހާރައާ އެކު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފެޝަން ގްރޫޕްތަކުގެ ތެރޭގައި ހިމެނެ އެވެ. ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، 120 އަށްވުރެ ގިނަ މާކެޓްގައި 16,400 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ޑިސެމްބަރު 2023 ގައި، އީސާކް ވަނީ ފުރަތަމަ ފަހަރަށް އޭނާގެ ކުންފުނީގެ 5 ޕަސެންޓް ހިއްސާ ތިންވަނަ ފަރާތަކަށް ދީފަ އެވެ. އެއީ އޭނާ އެންމެ އިތުބާރުކުރާ، ކުންފުނީގެ ސީއީއޯ އަދި މިހާރުގެ ވެރިޔާ ޓޯނީ ރޫއިޒް އަށެވެ.
މިދިޔަ އޮކްޓޯބަރު މަހު، ރޫއިޒް އާއި އީސާކްގެ މުދާ ބަލަހައްޓާ އަނެއް ދެ ފަރާތުން ނެރުނު ބަޔާނެއްގައި އީސާކްގެ ދުރުވިސްނޭ ވިޔަފާރީގެ ތާރީހަށް ތައުރީފުކޮށްފައިވެއެވެ. އަދި ޖޮނަތަންގެ މައުސޫމްކަމާ މެދު ޔަގީންކަން އޮތް ކަމަށްވެސް ބުނެފައިވެ އެވެ.
އީސާކް މަރުވިއިރު، ފޯބްސް މެގަޒިނުން އަންދާޒާކުރި ގޮތުގައި އޭނާގެ މިލްކިއްޔާތުގައި 4.5 ބިލިއަން ޑޮލަރު ހުއްޓެވެ. -- އޭއެފްޕީ
މެންގޯ ކުންފުނީގެ ވެރިޔާގެ މަރާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރި ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ