ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޗެލްސީ އަތުން 2-1 އިން ބަލިވެ، ރެލިގޭޝަންގެ ބިރާ އެކު، ޓޮޓެންހަމް ހޮޓްސްޕާސް އަށް އޮތް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ޕްރިމިއާ ލީގުގެ މި ސީޒަނުގައި ރެލިގޭޓްވާނެ ތިން ވަނަ ޓީމެއް ކަނޑައެޅޭނީ ފަހު މެޗުތައް ކުޅޭ ދުވަހު އެވެ. ލީގުގެ ފުލުގައި އޮތް ވުލްވްސް އާއި ބާންލީ ރެލިގޭޓްވެފައިވާއިރު، ދެން ރެލިގޭޓްވާނީ ވެސްޓް ހޭމް ޔުނައިޓެޑް ނޫނީ ޓޮޓެންހަމް އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ޓޮޓެންހަމް، 17 ވަނައިގައި އޮތީ 37 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ވެސްޓް ހޭމް އިން 18 ވަނައިގައި އޮތީ 37 މެޗުން 36 ޕޮއިންޓާ އެކު އެވެ.
އެ ގޮތުން، ޓޮޓެންހަމް އިން ރެލިގޭޝަނުން ސަލާމަތްވުމަށް، ލީގުގައި އެ ޓީމުން ކުޅޭ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޕޮއިންޓަކުން ވެސް ފަރުޖައްސާލެވުމުގެ ފުރުސަތު އެބައޮތެވެ. އެަކަމަކު، ޓޮޓެންހަމް، އެ މެޗުން ބަލިވެ، ވެސްޓް ހޭމް އިން އަމިއްލަ ދަނޑުގަައި ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފިނަމަ، ޓޮޓެންހަމް ރެލިގޭޓްވާނެ. އެވެ.
ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން އެންޒޯ ފެނާންޑޭސް އެވެ. އެ ބޯޅަ ހުއްޓުވަން ޓޮޓެންހަމްގެ ކީޕަރު، އަންޓޮނިން ކިންސްކީ އަށް މާ ބޮޑު ކަމެއް ކުރެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފުގައި ޓޮޓެންހަމް އަށް އެއްވަަރުކޮށްދޭން މަތީސް ޓެލް ބޮލުން ފޮނުވާލި ބޯޅަައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.
ޗެލްސީން ލީޑުފުޅާކުރީ 67 ވަނަ މިނިޓްގައި އަންޑްރޭ ސަންޓޯސް ޖެހި ގޯލުންނެވެ. މިއީ، ޓޮޓެންހަމްގެ ރަންޑަލް ކޯލޯ މުއާނީ އަތުން ގެއްލުނު ބޯޅައެއްގައި، ސަންޓޯސް ޖެހި ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 16 މިނިޓަށް ވެފައި ވަނިކޮށް، ރިޗާލިސަން ވަނީ ޓޮޓެންހަމަށް ލަނޑެއް ޖަހައިދީ، އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ލަނޑެއް ޖަހައި އެއްވަރުކުރަން ޓޮޓެންހަމް އިން ކުރި މަސައްކަތް ކާމިޔާބެއްނުވިއިރު، ޕެނަލްޓީ އަކަށް އެ ޓީމުން ކުރި އެޕީލަށް ވެސް ރެފްރީގެ ރުހުމެއް ނުލިބުނެވެ. ޓޮޓެންހަމް އިން ޕެނަލްޓީ އަށް އެޕީލްކުރީ ކޯނަރެއް ނެގުމުގެ ކުރިން ޗެލްސީގެ މާކް ކުކުރޭއާ، އޭރިއާތެެރެއިން ޓޮޓެންހަމްގެ މިކީ ވެން ޑަ ވީން އަށް ފަައުލުކުރި ކަމަށް ބުނެ އެވެ.
ޓޮޓެންހަމްގެ މައްޗަށް ކުރިހޯދައި، ޗެލްސީން ހަތް މެޗަށް ފަހު ލީގުގައި މޮޅެއް ހޯދިއިރު، މި ނަތީޖާއާ އެކު އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ 37 މެޗުން 52 ޕޮއިންޓާ އެކު އެވެ. ބޯންމައުތުން ރޭ މެންޗެސްޓާ ސިޓީއާ އެކު ކުޅެގެން، ޕޮއިންޓެއް ހޯދުމުން، ޗެލްސީ އަށް ލީގުގެ ހަ ވަަނަ އަށް އެރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ.
ޗެލްސީ އަތުން ބަލިވެ ޓޮޓެންހަމް ހޫނުފެނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ