އޭއައި އަށް މުޅިން ބަރޯސާވުމަކީ ބުއްދިވެރިކަމާއި ފިކުރީ ގާބިލުކަމަށް ނުރައްކަލެއް!

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން ކަންކަމަށް ވަގުތުން ޖަވާބު ހޯދުމުގެ ސަގާފަތުގެ ސަބަބުން އިންސާނުންގެ ބުއްދިވެރިކަމާއި ވިސްނުމުގެ ގާބިލުކަން ކުޑަވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ރޯޔަލް އޮބްޒަވޭޓަރީން ދީފިއެވެ.
ދުނިޔޭގެ ފަލަކީ އިލްމުގެ ދާއިރާގައި އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ އެއް މުއައްސަސާ ކަމަށްވާ ރޯޔަލް އޮބްޒަވޭޓަރީން ބުނާ ގޮތުގައި، އުނދަގޫ މައްސަލަތަކަށް އޭއައި މެދުވެރިކޮށް ފަސޭހައިން ޖަވާބު ހޯދުމަކީ އިންސާނުންގެ އަމިއްލަ ފިކުރާއި ހޯދައިބެލުމުގެ ގާބިލުކަމަށް އޮތް ނުރައްކަލެކެވެ.
ރޯޔަލް މިއުޒިއަމްސް ގްރީނިޗްގެ ޑިރެކްޓަރު ޕެޑީ ރޮޖާސް ވިދާޅުވި ގޮތުގައި، އެ މުއައްސަސާގެ ދިގު ތާރީހުން ދަސްކޮށްދެނީ އިންސާނުންގެ އަމިއްލަ އިލްމާއި ކަންކަން އޮޅުންފިލުވުމަށް ހުންނަ ޝައުގުވެރިކަމުގެ މުހިންމުކަމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ވަގުތުން ލިބޭ ޖަވާބުތަކަށް ބަރޯސާވުމަކީ ކަންކަމާ ސުވާލުކުރުމާއި، ކަންކަން ވަޒަންކުރުމުގެ އާދަ ގެއްލިގެންދާނެ ކަމެކެވެ. މިއީ އިލުމީ ތަޖުރިބާ އާއި އާ އީޖާދުތައް އުފެދުމުގެ އަސްލު ކަމަށްވާތީ، އޭއައި އަށް މުޅިން ބަރޯސާވުމުން ދުރުހެލިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޯޔަލް އޮބްޒަވޭޓަރީގައި މިހާރު ކުރިއަށްދާ "ފަސްޓް ލައިޓް" މަޝްރޫއާ ބެހޭގޮތުން  ރޮޖާސް ވިދާޅުވީ، ވޭތުވެދިޔަ 350 އަހަރުގެ ތެރޭގައި ފަލަކީ އިލްމުވެރިން ހޯދާފައިވާ ހޯދުންތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ އެހީގައި ލިބުނު ކުރިއެރުންތަކެއް ނޫން ކަމަށެވެ.
އެއީ އިންސާނުން އަމިއްލައަށް ސުވާލު އުފައްދައި، އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އޭއައި ސިސްޓަމްތަކުން ދޭ ޖަވާބުތަކުގައި، އިންސާނުން އަމިއްލައަށް މަސައްކަތް ކުރާއިރު ފެންނަ ހީނުކުރާ ފަދަ މައުލޫމާތުތަކާއި ނަތީޖާތައް އުނިވެގެން ދިއުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ފަލަކީ އިލްމުވެރިން އެއްކުރި ގިނަ މައުލޫމާތުތަކަކީ އޭރު އެއްވެސް މެޝިނަކުން ނުކުރާނެ ފަދަ ބުރަ މަސައްކަތްތަކެއް ކަމަށް ރޮޖާސް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތްތަކުގެ ސަބަބުން، އޭގެ 150 އަހަރު ފަހުން އުފެދުނު އާ ތިއަރީތައް ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ވިކިޕީޑިއާ ފަދަ ވަސީލަތްތަކުން މައުލޫމާތުގެ އަސްލު ދެނެގަނެވުނު ނަމަވެސް، އޭއައިގެ ސަބަބުން މައުލޫމާތުގެ އަސްލާ އިންސާނާ ދުރުކުރުވާކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މި މައުޟޫއާ ގުޅޭގޮތުން ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. އަނުޝްކާ ޝްމިޓް ވިދާޅުވީ، އޭއައިގެ ސަބަބުން އިންސާނުންގެ ހަނދާން ބަލިވުމާއި އުނގެނުމުގެ ގާބިލުކަން ކުޑަވަމުންދާކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭއައި ބޭނުންކޮށްގެން ފަސޭހައިން ކަންކަން ނިންމާލުމުގެ ފުރުސަތު އޮތުމުން، އިންސާނުންގެ ސިކުނޑި ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ދަނީ ކުޑަވަމުންނެވެ.
އޭއައިގެ ނުރައްކާތަކުގެ ވާހަކަ މިގޮތަށް ދެކެވުނު ނަމަވެސް، ސައިންޓިފިކް ބޮޑެތި ހޯދުންތަކުގައި އޭއައިގެ ދައުރު ބޮޑުކަން ވެސް ފާހަގަކުރެވެއެވެ. އެގޮތުން 2024 ވަނަ އަހަރު ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ހޯއްދެވި ސަރ ޑެމިސް ހަސާބިސް ވަނީ ޕްރޮޓީންތަކުގެ އޮނިގަނޑު ދެނެގަތުމަށް އޭއައި ބޭނުންކުރައްވާފައެވެ. އަދި ބައެއް ތައުލީމީ މާހިރުން ދެކޭގޮތުގައި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކޮށްފިނަމަ، ދަރިވަރުންނަށް އުނގެނުމުގެ މުހިންމު ބައިތަކަށް އިތުރަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިހާރު ދުނިޔޭގައި ބޭނުންކުރަމުންދާ ގޫގުލް ސާޗް، ޓިކްޓޮކް އަދި އެކްސް ފަދަ ވަސީލަތްތަކުން ވެސް ލިންކުތަކުގެ ބަދަލުގައި އޭއައި މެދުވެރިކޮށް ވަގުތުން ޖަވާބު ދޭން ފަށާފައިވާއިރު، މިއީ އިންސާނުންގެ އަމިއްލަ ފިކުރަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި މާހިރުން ދަނީ ސިފަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ