ބިލް އަނބުރާ ފޮނުވާލީ ގައިދީންގެ ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން
އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައިލެއްވީ ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާތީ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް އަނބުރާ ފޮނުވައިލެއްވި ބިލާ ގުޅުވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، އެ ބިލު މަޖިލީހުން ފާސްކުރުމާ ދޭތެރޭގައި ހަތް މަހަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށެވެ."ރާއްޖޭގައި އެބަތިބި ކިޑްނީގެ ޑައިލަސިސް ހަދާ 300 މީހުން. ކޮންމެ ދުވަހަކު ތެދުވެ މި ބުނަނީ ރައްޔިތުންގެ އިހުސާސްތައް އެނގެއޭ، އޭއްޗެކޭ މީއްޗެކޭ. އެކަމެއް ނުވިއެއް ނޫންތޯ،" ކުޑޫ ވިދާޅުވި އެވެ.ކުޑޫގެ އިތުރުން އެމްޑީޕީގެ އެހެން މެމްބަރުން ވެސް ވަނީ މަޖިލީހަށް ފޮނުވާ ބިލުތައް ސަރުކާރުން ރަނގަޅަށް ޑްރާފްޓް ކުރުމާއި ދިރާސާކުރުމުގައި ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.އެއާ އެކު، ޕީއެންސީގެ މެމްބަރުން ވަނީ އަޑުހަރުކޮށް، އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި، ސަރުކާރާއި ރައީސް ދިފާއުކުރައްވައިފަ އެވެ."ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމުގައި ވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާ އެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރު ކަމެއް ނެތި، ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެ އެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވި އެވެ.ބަންދުގައި ތިބޭ މީހުންގެ ގުނަވަންތައް ހަދިޔާ ކުރެވޭ ގޮތަށް އޮންނަ މަދު ގައުމުތަކުގައި ވެސް އެކަމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް އޮންނައިރު މަޖިލީހުން ފާސްކުރި ބިލުގައި އެފަދަ އިޖުރާއަތްތައް ކަނޑައަޅާފައި ނެތްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނަން އަނބުރާ ފޮނުއްވައިލެއްވި އެހެން ސަބަބުތަކުގެ ތެރޭގައި އެ ބިލުގައި ކަނޑައަޅާފައިވާ އަދަބަކީ ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދަބަކަށް ވުން ހިމެނެ އެވެ. ސިޓީފުޅުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ގިސާސް ހިފުމުގެ ދާއިރާގެ ބޭރުން އަދަބެއް ތަންފީޒު ކުރުމުގެ އިހުތިމާލް، ބިލު މިހާރު އޮތް ގޮތުން އުފެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ