މޯލްޑިވްސް ގޭހުން 22 ކިލޯ އާއި 45 ކިލޯގެ ގޭސް ފުޅީގެ އަގު ބޮޑުކޮށްފި

ރާއްޖެއަށް ގޭސް އެތެރެކޮށް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވްސް ގޭހުން ވިއްކާ 22 ކިލޯ އާއި 45 ކިލޯގެ އެލްޕީޖީ ގޭސް ފުޅީގެ ރީފިލްގެ އަގުތައް ބޮޑުކޮށްފިއެވެ.
އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި، އެ ކުންފުނިން ވަނީ މި ދެ ސައިޒުގެ ގޭސް ފުޅީގެ އަގުތަކަށް ބަދަލު ގެނެސްފައެވެ. އަލަށް ގެނައި ބަދަލާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ ރީފިލްގެ އަގު ވަނީ 1,170 ރުފިޔާއިން 1,345.50 ރުފިޔާއަށް އުފުލިފައެވެ. މިއީ ކުރީގެ އަގަށްވުރެ 175.50 ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން، 22 ކިލޯގެ ގޭސް ފުޅިއެއްގެ ރީފިލްގެ އަގު 400 ރުފިޔާއިން 500 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މިއީ 100 ރުފިޔާގެ ބޮޑުވުމެކެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭހުން މި އަގުތަކަށް ބަދަލު ގެނައިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ކުއްލިއަކަށް އަގު ބޮޑުކުރަން ޖެހުނު ވަކި ސަބަބެއް އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި އަގުތަކަށް ބަދަލު ގެނެސްފައިވަނީ، މިއަހަރުގެ ކުރީކޮޅު ރާއްޖެއަށް ގޭސް ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި ވަނިކޮށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގޭސް ޝޯޓޭޖެއް ކުރިމަތިވެ، 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި 7 ކިލޯގެ ފުޅި ވެސް މޯލްޑިވްސް ގޭހުން ދޫކުރަން ޖެހުނެވެ. އެ ދުވަސްވަރު ގޭހަށް އޯޑަރު ކުރުމަށްފަހު ގޭސް ލިބުމުގައި ގިނަ ދުވަސްތަކެއް ހޭދަވާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވިއެވެ.
މޯލްޑިވްސް ގޭހުން އަގަށް ބަދަލުގެެނެސްފައިވާ ގޭސްފުޅިތައް އާންމުކޮށް ބޭނުންކުރަނީ ބޮޑެތި ގޭސް ފުޅި ބޭނުންކުރާ ހޮޓާ، ރެސްޓޯރެންޓް ފަދަ ވިޔަފާރިތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ