އަހަރު ދެބައިވިއިރު އެންމެ ގިނައިން ފުލުހަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް
މި ހިނގަމުންދާ އަހަރު ދެބައިވިއިރު، މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 5،599 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޖަނަވަރީ މަހު ހުށަހަޅާފައިވާ 1،208 މައްސަލައަކާއި ފެބުރުވަރީ މަހު ހުށަހަޅާފައިވާ 953 މައްސަލައަކާއި މާޗު މަހު ހުށަހަޅާފައިވާ 972 މައްސަލައެއް ހިމެނެއެވެ. އަދި އޭޕްރިލް މަހު 1،020 މައްސަލައެއް ހުށަހަޅައިފައިވާއިރު، މެއި މަހު 1،052 މައްސަލައެއް ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން މި މަހުގެ މިހާތަނަށް 494 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވައްކަމުގެ 1،606 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެއީ ޖުމްލަ ހުށަހަޅާފައިވާ މައްސަލަތަކުގެ 28.7 އިންސައްތައެވެ. ފުލުހެއް މަގުމަތީގައި: އަހަރު ދެބައިވިއިރު އެންމެ ގިނައިން ފުލުހަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް -- ފޮޓޯ/ ފުލުހުން މިދިޔަ އަހަރަށް ބަލައިލާއިރު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ވައްކަމުގެ 3،478 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ވައްކަމަށްފަހު ދެން އެންމެ ގިނައިން މި އަހަރު ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުގެ 1,456 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ހުށަހަޅާފައިވާ މައްސަލަތަކުގެ 26 އިންސައްތައެވެ. ނިމުނު އަހަރު ޓްރެފިކް އެކްސިޑެންޓުގެ ޖުމްލަ 3,478 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 963 މައްސަލައަކާއި ތަކެތި ގެއްލިގެން ހުށަހަޅާފައިވާ 472 މައްސަލައަކާއި ހަމަލާދިނުމުގެ 302 މައްސަލައެއްގެ އިތުރުން، ތަޅާފޮޅުމުގެ 295 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ގެވެށި އަނިޔާގެ 164 މައްސަލައަކާއި ޚިޔާނާތްތެރިވުމުގެ 124 މައްސަލައަކާއި ޖިންސީ ކުށްތަކުގެ 115 މައްސަލައެއްގެ އިތުރުން ފޭރުމުގެ 80 މައްސަލައަކާއި ހުއްދަނެތި ލިޔެކިޔުމާއި ތަކެތި އުފެއްދުމުގެ 22 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ނިމުނު 2025 ވަނަ އަހަރަށް ބަލައިލާއިރު ޖުމަލް 12،108 މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެ އަހަރު އެންމެ ގިނަ މައްސަަލަ ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގައެވެ. އެއީ 1،156 މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ