ފީފާ ވޯލްޑް ކަޕް 2026: އުޒްބެކިސްޠާން - ކޮލަމްބިއާ

ފީފާ ވޯލްޑް ކަޕް 2026 ގައި މާދަމާ ހެނދުނު ރާއްޖެ ގަޑިން 07:00 ގައި އުޒްބެކިސްތާނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ކުޅޭއިރު، މިއީ އުޒްބެކިސްތާނުން ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އުޒްބެކިސްތާން މިނިވަންވުމަށްފަހު 7 ފަހަރެއްގެ މަތިން ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް މަސައްކަތް ކުރި ނަމަވެސް މީގެ ކުރިން ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ނަމަވެސް 2026 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕުން އުޒްބެކިސްތާން ފުރުސަތު ހޯދާފައިވަނީ އޭޝިޔާގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ތިންވަނަ ބުރަށް ކޮލިފައިވެގެންނެވެ. ތިންވަނަ ބުރުގެ ގްރޫޕް އޭ ގައި އިރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް, ގަތަރު, ކިރިގިސްތާން އަދި ނޯތު ކޮރެއާ ހިމެނުނު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އުޒްބެކިސްތާން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕުން ފުރުސަތު ހޯދާފަ އެވެ.
1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ޕްޚްތަކޯ ޓަޝްކެންޓްގެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ދަތުރުކުރި ފްލައިޓެއް ވެއްޓި އެންމެ މަރުވި ހިތާމަވެރި ހާދިސާ އާއިއެކު އޭރު ރަޝިޔާގެ ދަށުގައި އޮތް އުޒްބެކިސްތާނުގެ ހުނަރުވެރި ކުޅުންތެރިންގެ ޖީލެއް ވަނީ ނެތިގޮސްފަ އެވެ.
2023 ވަނަ އަހަރު ގަތަރުގައި ބޭއްވި އޭޝިއަން ކަޕްގެ ކުއާޓަރ ފައިނަލުގައި ކުޅެފައިވާ އުޒްބެކިސްތާން އިން ވަނީ ފަހަކަށް އައިސް އޭޝިޔާގެ ފުޓްބޯޅައިގައި ރަގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.
2006 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އިޓަލީ އިން ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ފަބިއޯ ކަނަވާރޯ އުޒްބެކިސްތާނުގެ ކޯޗު ކަމާއި 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހަވާލުވިއިރުވެސް އެ ޓީމު ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ.
ކަނަވާރޯގެ އިރުޝާދުގެ ދަށުން އުޒްބެކިސްތާން ވަނީ އައިން އިންޓަރނޭޝަނަލް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިރާން ބަލިކޮށްފަ އެވެ. އަދި އޭގެ ފަހުން މި އަހަރު ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެފައިވާއިރު ކެނެޑާ އާއި ނެދަލޭންޑްސް އަތުން ވަނީ ބަލިވެފަ އެވެ.
އުޒްބެކިސްތާން އިން ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރާއިރު އެ ޓީމުގައި އެންމެ ވިދުންގަދަ ކުޅުންތެރިއެއްގެ ގޮތުގައި ހުރި މެންޗެސްޓަރ ސިޓީގެ އަބްދުކާދިރު ކުސަނޯވް އެވެ. އޭނާގެ އިތުރުން ތުރުކީގެ ލީގުގައި ކުޅޭ އެ ގައުމުގެ ކެޕްޓަން އެލްޑޯ ޝޮމުރޮދޯވް އަދި އުމުރުން 22 އަހަރުގެ އަބޯޝެކް ފައިޒުالله ފާހަގަކޮށްލެވެއެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕަށް ކޮލަމްބިއާ ކޮލިފައިނުވި ނަމަވެސް ހަތްވަނަ ފަހަރަށް ފީފާ ވޯލްޑްކަޕާއި ކޮލަމްބިއާ އިން މި ފަހަރު ކުރިމަތިލަނީ ހުނަރުވެރި ކުޅުންތެރިންތަކަކާއިއެކު މި ފަހަރުގެ މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގަ އެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ކޮލަމްބިއާ އިން އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ ދެކުނު އެމެރިކާގެ ކޮލިފައިންގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލަމްބިއާ އިން މި ގްރޫޕްގެ ތިންވަނަ މަގާމް ހޯދިއިރު ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ބްރެޒިލްގެ އިތުރުން އުރުގުއޭ އޮތީ ކޮލަމްބިއާގެ ފަހަތުގައެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އާޖެންޓީނާގެ ނެސްޓޯ ލޮރެންޒޯ ކޮލަމްބިއާގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން މިހާތަނަށް ޖުމްލަ 46 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ބަލިވެފައިވަނީ އެންމެ 7 މެޗުންނެވެ. ކޮލިފައިންގައި ކޮލަމްބިއާ އިން ވަނީ ބްރެޒިލްގެ އިތުރުން ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާވެސް ބަލިކޮށްފައެވެ.
ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުވީ ފަހުން ކޮލަމްބިއާ އިން ވަނީ އެކުވެރިކަމުގެ 8 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު އެއް މެޗު އެއްވަރުވެ ފަސް މެޗުން ވަނީ މޮޅުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕާއ ކޮލަމްބިއާ އިން ކުރިމަތިލާއިރު އެ ޓީމުގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ ލީގުގައި މިހާރު ކުޅެމުންދާ އެ ޓީމުގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް, ބަޔާން މިއުނިކްގެ ލުއިސް ޑިއާޒްގެ އިތުރުން އިޓަލީގެ ކަލިއާރީއަށް ކުޅެމުންދާ ޔެރެމީނާ ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ