ނިލަންދޫ އެއާޕޯޓު: ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ މަޝްރޫޢެއް

މީހުން ދިރިއުޅޭ 5 ރަށް ހިމެނޭ ނިލަންދެއަތޮޅު އުތުރުބުރި ނުވަތަ ފ. އަތޮޅުގެ ރަށްރަށްތަކަށް މާލެއިން ފުރައިގެން ލޯންޗެއްގައި ދެވެނީ 3 ގަޑިއިރެއްހާ އިރުންނެވެ.
ގާތްގަނޑަކަށް 1800އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ނިލަންދެ އަތޮޅު އުތުރު ބުރީގެ ވެރިކަންކުރާ ރަށްކަމުގައިވާ ނިލަންދޫގެ ރައްޔިތުން އެންމެ ބޭނުންވާ އެއްކަމަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ. ފ. އަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގައި ހިމެނޭ އެއް އަތޮޅެވެ. އެއަތޮޅުގެ ރަށްރަށަށް ދަތުރުކުރާ އުޅަނަދުފަހަރުތައް އެއް ރަށުުން އަނެއް ރަށަށް މަޑުކުރަމުންގޮސް ކުރާ ދަތުރަކީ ތަކުލީފު ބޮޑު ދަތުރެކެވެ. މިތަކުލީފު އިތުރަށް ބޮޑުވަނީ ވިއްސާރަ ދުވަސްވަރުތަކުގައި ދަތުރުކުރަން ޖެހުމުންނެވެ.
ދަތުރުފަތުގެ ކަންކަމުގައި، ޚާއްސަކޮށް ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ތަޙައްމަލުކުރަމުން އަންނަ ދަތިތަކާއި ގުޅިގެން އެ ޙާލަތު ބަދަލުކޮށްދެއްވުމަށް އެދި ނިލަންދޫ ރައްޔިތުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.
ނިލަންދޫ ރައްޔިތުންގެ އޮތް ޒަމާންވީ ކަންބޮޑުވުމަށް ހައްލެއް ގެނައުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ މާރިޗމަހުގެ ކުރީކޮޅުގައެވެ.
މި މަސައްކަތުގެ ތެރެއިން ފަޅު ފުންކުރުމާއި ވެލި އެޅުމުގެ މަސައްކަތާއެކު މި މަޝްރޫއުގެ ޖުމްލަ 74 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، އެރަށު އެއަރޕޯޓު މަޝްރޫއަކީ އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެންމެ ބޮޑު އަދި މަޝްރޫޢުކަމަށެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާ، ރިވެޓްމެންޓްޖެހުމުގެ ގާތްގަނޑަކަށް %70 މަސައްކަތް މިހާރު ނިމިދފައިވާކަމަށެވެ.
"މިރަށުގެ ކުދިބޮޑު ރައްޔިތުންނާއި މި ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެންމެ ބިޔަ ބޮޑު މަޝްރޫޢު. ނިލަންދޫގެ އެއަރޕޯޓުގެ މަސައްކަތް. މިއީ، ނިލަންދޫގެ ސާފު މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި މަޝްރޫޢެއް. މި މަޝްރޫޢުގެ ތެރެއިން މިހާރު 1800ގެ ރަންވޭއަކަށް ބޭނުންވާ ބިންހިއްކާ ނިމި، ކައިރި މުސްތަގުބަލެއްގައި ޢަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ހެޔޮ ޚަބަރު ވަރަށް ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދުއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއާޕޯޓަކަށްކަމަށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ޤާއިމްކުރާ އެއަރޕޯޓު ތަރައްޤީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ