ކުޅުދުއްފުށީގައި މުދާ ކްލިއާކުރުމުގެ ތެރޭގައި ކޮންޓެއިނަރެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރުގައި މިއަދު ކެރޭނެއް ބޭނުންކޮށްގެން ކޮންޓެއިނަރެއް ބާލަން އުޅުމުގެ ތެރޭގައި ދޯންޏެއް މައްޗަށް ކޮންޓެއިނަރު ވެއްޓި، ގެއްލުންތަކެއް ވެއްޖެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ކުޅުދުއްފުށީ ޕޯޓުގައި ހިނގި އެ ހާދިސާގައި ދޯންޏަށާއި ކޮންޓެއިނަރަށް އެކިވަރުގެ ގެއްލުންތައްވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ކުޅުދުއްފުށީގައި ކެރޭނެއް ބޭނުންކޮށްގެން، ދޯންޏަކަށް ކޮންޓެއިނަރެއް ބަރުކުރުމުގެ ތެރޭގައި ކޮންޓެއިނަރު ދޯންޏަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 10:24 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ވެސް ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވި ނަމަވެސް ދޯންޏަށާއި ކޮންޓެއިނަރަށް އެކި ވަރުގެ ގެއްލުންތައްވެފައިވާ ކަމަށް ބުނެފައެެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ