ބިލު ނުދައްކާތީ އެމްޓީސީސީ މުވައްޒަފުން ތިބި ގެޔަކުން ކަރަންޓު ކަނޑާލައިފި

ބ. ކުޑަރިކިލު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ގޮސް ތިބި އެމްޓީސީސީގެ މުވައްޒަފުން ދިރިއުޅެމުންދާ ގޭގެ ކަރަންޓު ބިލް ނުދައްކައިގެން ފެނަކަ ކޯޕަރޭޝަނުން އެ ގޭގެ ކަރަންޓު ކަނޑާލައިފި އެވެ.
ކުޑަރިކިލުން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ސްކޫލުގެ ދެ ބުރި އިމާރާތް ހެދުމުގެ މަސައްކަތަށް ގޮސް ތިބީ އެމްޓީސީސީގެ ދިވެހި މުވައްޒަފަކާއި 10 ބިދޭސީ މުވައްޒަފުންނެވެ. އެ މުވައްޒަފުން ކުއްޔަށް ހިފައިގެން ތިބި ގޭގެ ކަރަންޓު ބިލް ނުދައްކާތާ މިއީ ތިންވަނަ މަހެވެ.
"ދެ މަހުގެ ބިލް އޮތީ ދައްކަންޖެހޭ މުއްދަތު ވެސް ހަމަވެފައި. އެމްޓީސީސީން އެ ބިލް ނުދައްކައިގެން ކަރަންޓު ކަނޑާލީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަރަންޓު ކަނޑާލިކަން ކުޑަރިކިލު ފެނަކަ ބްރާންޗުން ވެސް ޔަގީންކޮށް ދިނެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޓީސީސީން ބިލް ނުދައްކައިގެން އެ ގޭގެ ކަރަންޓު ކަނޑާލާފައިވަނީ މިއަދު ހެނދުނު 11:00 އެހާކަންހާއިރު އެވެ. އަދި މިހާތަނަށް ވެސް ބިލް ދައްކާފައި ނުވާތީ އެ ގެއަށް ކަރަންޓު ދީފައެއް ނުވެއެވެ.
ކަރަންޓު ކަނޑާލުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ މުވައްޒަފުންނަކީ ކައްކައި ކައިބޮއެ ހެދުމުގެ ކަންކަން ވެސް އެ ގޭގައި ކުރަމުންދާ ބައެކެވެ.
އެ މީހުންނަށް ފާހަނާ ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން، ކައިރީގައި ހުރި ގެއަކުން ވަނީ އެ ގޭގެ ފެން މޯޓަރަށް ކަރަންޓު ގުޅައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ