މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރާމަސައްކަތުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ހާސިލުވާނެކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 93ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ވަރުގަދަކުރާނެކަމަށެވެ. މިހާތަށް ކުރި މަސައްކަތްތަކުން ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް އަހަރަކީ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުން އަންނަ މީހުން އެމާހައުލުން ދުރުކުރުމަށް ވެސް މަސައްކަތްކުރާނެ އަހަރެއްކަމަށް އިހުސާން ވިދާޅުވިއެވެ. މިއީ ރައީސުލްހުމްހޫރިއްޔާގެ ތަރައްޤީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ 'ސިކުންޑިއާއި ނަފްސުތަރަޤީކުރުމުގެ ސިޔާސަތު'ގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަމާޒަކީ ކުށުގެ ވެށީގައި ތިބި ކުދިން އަލުން އަނބުރާ މުޖުތަމައުގައި އަބުރުވެރިކަމާއިއެކު އުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެ ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރު ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް. ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު މިވަނީ ބޮޑުތަނުން ކޮންޓްރޯލްކުރެވިފަ." ވަޒީރު އިހުސާން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމާއި، މުއާމަލާތުކުރުން އަދި ވިޔަފާރިކުރުމަށް ބަދަލު އައިސްފައިވާ އިރު އެކަމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ކަމަށެވެ. އެކަންކަމާއި ކުރިމަތިލުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށް، އެކަށީގެންވާ މިންވަރަށް ފުލުހުން ތައްޔާރުކުރުމަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން އެ އިދާރާ އަށް ދޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
"ސައިބަރ ކްރައިމް، އޮންލައިން ފްރޯޑް، ޑިޖިޓަލް އެކްސްޕްލޮއިޓޭޝަން، އަދި އޮގަނައިޒް ކްރައިމް ނެޓްވޯކުތައް ދަނީ ކޮންމެ ދުވަހަކު ޓެކްނޯލޮޖީގެ އެހީގައި ބަދަލުވަމުން. މިކަންކަމަށް ތައްޔާރުވެ ރައްޔިތުން ރައްކާތެރިކޮށްދިނުމަކީ އަދުގެ ފުލުހުންނަށް އޮތް އެއްމެބޮޑު އެއް ގޮންޖެހުން." ވަޒީރު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މި ވެރިކަން އައި އިރު ފުލުހުންގެ އަމިއްލަ މަރުކަޒު ހުރީ އެއްމެ 17 ރަށުގައެވެ. އަދި އޭރު 100 ރަށުގައި ފުލުހުން ޚިދުމަތް ދެއްވަމުން އައީ ފުލުހުންގެ މަރުކަޒެއް ނެތިއެވެ. ފާއިތުވި އަހަރު އެކަނިވެސްވަނީ އަލަށް އިމާރާތްކުރަން ފެށުނު 5 ފުލުހުންގެ މަރުކަޒެއް ނިންމައި ޚިދުމަތް ވަނީ ފަށާފައެވެ. މި ދައުރު ނިމުމުގެ ކުރިން ފުލުހުން ޤާއިމުވެ ތިބޭހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް އެކަށީގެންވާ މަރުކަޒުތައް ޤާއިމްވެފައި ހުންނާނެކަމަށް ސަރުކާރުން ބުނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަންކުރާ މަސައްކަތް އަންނަ އަހަރު އިތުރު ގިއަރަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ