ދެކުނު ކޮރެއާގެ ކޯޗު އިސްތިއުފާދީފި، ސަރުކާރުން ވޯލްޑް ކަޕްގެ ކަންކަން ބަލަނީ

ސޯލް، ދެކުނު ކޮރެއާ (ޖޫން 28) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ކެޓުމާ އެކު، އެ ޓީމުގެ ކޯޗުގެ މަގާމުން ހޮންގް މިޔުން ބޯ އިސްތިއުފާދިންއިރު، އެ ޓީމަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ދިމާވި ކަންތައްތައް ބެލުމަށް ދެކުނު ކޮރެއާގެ ރައީސް، ލީ ޖައެ މިޔުން ގޮވާލައްވައިފި އެވެ. 
މެކްސިކޯ، ކެނަޑާ އަދި އެމެރިކާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އިން ކުޅުނު ފުރަތަމަ މެޗުން ފަހަތުން އަރައި، 2-1 އިން ޗެކް ރިޕަބްލިކް އަތުން މޮޅުވި އެވެ. އެކަމަކު، އޭގެ ފަހުން، މެކްސިކޯ އަތުން 1-0 އިން ދެ ވަނަ މެޗުން ބަލިވިއިރު، ތިން ވަނަ މެޗުގައި ދެކުނު އެފްރިކާ އަތުން ވެސް 1-0 އިން ބަލިވި އެވެ. 
އަމިއްލަ ގައުމުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަަލަށް ދަތުރުކުރި ދެކުނު ކޮރެއާގެ ސަޕޯޓަރުން ދެކޭ ގޮތުގައި، މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ހިމެނުނީ އެ ޓީމަށް ނޮކައުޓް ބުރަށް ދެވޭނެ ވަރުގެ ގްރޫޕެއްގަ އެވެ. އަދި، އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އުނދަގޫ ގްރޫޕެއްގައި ހިމެނުނު ނަމަވެސް، ނޮކައުޓް ބުރަށް ގޮސް ދެކުނު ކޮރެއާ އިން ވަނީ ތަފާތު ކުޅުމެއް ދައްކައިފަ އެެވެ. އެ ގޮތުން، އެ ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ފަހު މެޗުގައި ޕޯޗުގަލް އަތުން ކޮރެއާ މޮޅުުވިއިރު، ގަދަ 16 ގައި ކެޓީ ބްރެޒިލް އަތުންނެވެ. 
ކޮރެއާ ގައުމީ ޓީމަށް ކުރިން ކުޅުނު ހޮންގް ވަނީ ކޮރެއާގެ ޔޫތު ޓީމުތަކުގެ ހެޑް ކޯޗުކަން ކުރުމުގެ އިތުރުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ދެކުނު ކޮރެއާ ޓީމުގެ ކޯޗަކަށް މަަސައްކަތްކޮށްފަ އެވެ. އެ ފަހަރު މޮޅެއް ވެސް ނުލިބި މުބާރާތް ނިންމާލަން ޖެހުމުން މަގާމުން އިސްތިއުފާ ދިނެވެ. އަދި، އޭގެ 12 އަހަރު ފަހުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ހޮންގް އަށް ރަނގަޅު މަސައްކަތްތަކެއް ނުުކުރެވި ޕްރެޝަރު ބޮޑުވެގެން މަގާމުން މި ވަނީ ވަކިވެފަ އެވެ. 
ދެކުނު ކޮރެއާގެ ރައީސް، ލީ ވިދާޅުވީ، ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އަށް ކުރިއަށް ނުދެވުމަކީ އާންމުންގެ މެދުގައި އެކަމާ މެދު ތަފާތު އެކި ގޮތްގޮތަށް ސުވާލު އުފެދިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، ޒިންމާދާރު ކަމާ އެކު ކަންކަން ކުރެވުނުތޯ ބެލުމަށް އެކި ވުޒާރާތަކާ ގުޅިގެން މަސައްކަަތް ކުރައްވާނެ ކަމަށް ލީ ވިދާޅުވެފައިވެ އެވެ. 
"ޓެކްސްޕޭޔަރުންގެ ފައިސާ ވަރަށް ބޮޑަށް ހަރަދުކޮށްގެން ވޯލްޑް ކަޕަށް ޓީމު މި ދަނީ. އެހެންވީމަ، އަހަރެން ވާނީ މިނިސްޓްރީ އޮފް ކަލްޗާ، ސްޕޯޓްސް އެންޑް ޓޫރިޒަމް އަށް މި ކަންކަން ހިނގައިދިޔަ ގޮތް ރަނގަޅަށް ދިރާސާކުރަން އަންގައިފައި. މިއީ، ކުރިއަށް އޮތް މުސްތަގުބަލަށް ކަންކަން ރަނގަޅުކުރަން ކުރަންޖެހޭ ކަމެއް،" ލީ ވިދާޅުވި އެވެ. 
ހޮންގް އަކީ މި ފަަހަރުގެ ވޯލްޑް ކަޕްގައި ވަޒީފާ ގެއްލުނު ލިސްޓަށް އެންމެ ފަހުން އިތުރުވި ކޯޗެވެ. ވޯލްޑް ކަޕްގެ ތެރެއިން ޓިއުނީޝިއާގެ ކޯޗުކަމުން ސަބްރީ ލަމޫޗީ ވަކިކުރިއިރު، ވޯލްޑް ކަޕުން ކެޓުމުން ސްކޮޓްލެންޑްގެ ކޯޗު ކަމުން ސްޓީވް ކްލާކް ވަނީ އިސްތިއުފާދީފަ އެެވެ. އަދި، އުރުގުއޭގެ ކޯޗުކަމުން މާސެލޯ ބިއެލްސާ ވަކިވިއިރު، އުޒްބެކިސްތާން ކޯޗަކަށް ހުރި ފަބިއޯ ކަނަވާރޯގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. 
ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހެއުން މިންގެ މިލިޓަރީ ކޯހާ ބެހޭގޮތުން އެ ގައުމުގެ މީޑިއާއަކުން މަލާމަތްކުރި މައްސަލަ ހޫނުވެ، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި. މި ހާދިސާއާ ގުޅިގެން ސޮން މީޑިއާއާ ވާހަކަދައްކަން ދެކޮޅު ހަދާފައިވާއިރު، އެސޯސިއޭޝަނުން ބުނީ ކުޅުންތެރިންގެ އިއްޒަތް ގެއްލޭގޮތަށް މީޑިއާއިން އަމަލުނުކުރަން އެދޭކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ