ފުލުހުންގެ "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް އަންނަ އަހަރު ތައާރަފްކުރަނީ

ކަމެއް ހިނގައިގެން ރިޕޯޓްކުރާ ހިސާބުން އެކަމެއް ހިނގާ ތަނުގެ ހާލަތު ބަލަން އަވަހަށް ފޮނުވާ "ޑްރޯން އޭޒް ފާސްޓް ރެެސްޕޮންޑާ" އަންނަ އަހަރު ހިދުމަތަށް ނެރޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ. 
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އިސްކަންދަރުކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ފުލުހުން ކުރައްވަމުން ގެންދަވާ ހިދުމަތަށް އިތުރަށް އެހީތެރިވުމަށާއި ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުކުރަން ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި އެ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީގެ އާ ތިން ވަސީލަތެއް ވަސީލަތެއް އަންނަ އަހަރު އެގޮތުން ބޭނުންކުރަން ފަށާނެ ކަން މިނިސްޓަރު އިއުލާނު ކުރެއްވި އެވެ. 
" މިގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އެމާޖެންސީ ރެންސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރަމަށް، ނެކްސްޓް ޖެނެރޭޝަން ހޯލް ހޭންޑްލިން އިކްއިޕްމެންޓާއި އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތް ހަދައި އެހިސާބުގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެެވިގެންދާނެ. މީގެ އިތުރުން ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފްކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ ހިދުމަތުން ލިބޭނެ ފަސޭހައަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކަމެއް ހިނގައިގެން ރިޕޯޓް ކުރުމުން އެ ކަމެއް ހިނގި ތަނަށް ޑްރޯން ފޮނުވައި އެ ސަރަހައްދުގެ ހާލަތު ވީޑިއޯގެ ޒަރިއްޔާއިން ފުލުހުންނަށް ވަގުތުން ފެންނަން ފެށުމެވެ. އެއްގަމުގައި ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުންނާއި ކަނޑު ހުރަސްކޮށް ރަށަކަށް ދާން ހޭދަވާ ވަގުތުގެ ސަބަބުން ފުލުހުންނަށް އިޖާބަ ދެވޭ ވަރު ލަސްވިޔަސް ޑްރޯން ބޭނުންކޮށްގެން އެތަނެއްގެ ހާލަތު އެނގުމުން މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއާ އެކު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޯލޮޖީ ހޯސްޓްކުރުމަށް އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ގާއިމްކުރެވި އެ އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިގެން ގޮސްފައި،" އިހުސާން ވިދާޅުވި އެވެ. 
އެ މަސައްކަތްތައް ނިމޭ އިރު ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތް އެތައް ގުނައަކަށް ފުރިހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ