ފުލުހުން ގާނޫނަށް ގެންނަން ބޭނުންވާ ހުރިހާ ބަދަލުތަކަށް ސަރުކާރުން އެއްބާރުލުން ދޭނެ: މުއިއްޒު

ސަރުކާރުން ބޭނުންވާ ފެންވަރުގައި ފުލުހުންގެ ހިދުމަތް ދޭން ހުރަސްތަކެއް އެބަހުރި ކަމަށާއި އެ ކަމަށް ފަހިކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ގާނޫނަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތަކެއް ގެންނަން ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 
ފުލުހުންގެ ހިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާއަކީ ފުލުހުން ކަމަށެވެ. 
އެ ގޮތުން ވޭތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޑްރަގުގެ ވަބާ އާއި ގޭންގު ކުށްތަކުގެ ޒުވާނުން ދުރުކުރުމާއި ނުގަވާއިދުން އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރުން ފަދަ ކަންކަމުގައި ފުލުހުންގެ އެއްބާރުލުން ލިބުނު ކަމަށް މުއިއްޒު. ވިދާޅުވި އެވެ. އަދި، ފުލުހުންގެ އެއްބާރުލުމާއެކީ ސަރުކާރުން މި ކުރާ މަސައްކަތުން ދާއިމީ ބަދަލެއް މުޖުތަމައަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ކާމިޔާބީތައް ފާހަގަކުރެއްވި ނަމަވެސް، މުއިއްޒު ވަނީ ފުލުހުންގެ ގާނޫނު އޮތް ގޮތުން ސަރުކާރުން ބޭނުންވާ ފެންވަރުގައި ހިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
"މި ގާނޫނު ބައްޓަންވެފަ މި އޮތް ގޮތަށް ބަލާއިރުގައި، މި ދެންނެވި ފެންވަރުގައި މި ދެންނެވި ގޮތަށް، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްތަކެއް އެބަހުރި، އެއީ ހަގީގަތް،" މުއިއްޒު ވިދާޅުވި އެވެ. 
މުއިއްޒު ވަނީ މި ބަދަލުތައް ގެންނަން ފުލުހުންގެ މެދުގައި މަޝްވަރާކޮށް، ދިރާސާތައް ކުރުމަށް ފަހު، ބޭނުންވާ ބަދަލުތައް ހިއްސާކުރުމުން ސަރުކާރުން އެ ކަމަށް އިޖާބަ ދޭން ކަމަށް ވިދާޅުވެފަ އެވެ. 
 "ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރަން، ތިބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތް ދިނުަމަށްޓަކައި، އެ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ކަމުގައި ތިބޭފުޅުން ފާހަގަކުރައްވާ ކޮންމެ ބަދަލެއް ގެނެސްދިނުމުގައި ސަރުކާރުން އެއްބާރުލުން ދޭނަން. އެ ޔަގީންކަން އަޅުގަނޑު އަރުވާނަން،"
ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ އިތުރުން ފުލުހުން ތަމްރީނުކުރާށާއި ކެޕޭސިޓީއިތުރުކުރަން އެއްބާރުލުންދޭނެ ކަަމަށާއި، ފުލުހުންގެ މުއައްސަސާ ކުރިއެރުމުގައި ހުރި ގާނޫނީ ނޫން ހުރަސްތައް ނަައތާލަން ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި މުއިއްޒު ފާހަަގަކުރެއްވީ ދައުލަތުގެ ބަޖެޓުން ފުލުހުންގެ މުއައްސަސާއަށް ކުރާ ހަރަދެވެ. މުއިއްޒު ވަނީ މި ސަރުކާރުގައި ވޭތުވި މުއްދަތުގައި ވެސް ބަޖެޓުން ކަންކަން ފަހިކޮށްދީފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ މުއައްސަސާ ތަރައްގީކުރަން ބަޖެޓުން ހަރަދު ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ