ޕީޖީން އަންގައިގެން ބަލާ މައްސަލަތަކުގައި އޭސީސީން ތަހުގީގު އަވަސްކުރަނީ

ކޮރަޕްޝަންގެ މައްސަލަތަކުގައި ސަރުކާރުން ބޭނުންވާ ބަޔަކާ ދެކޮޅަށް ބަލާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ބާރު ލިބޭ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުކުރުމުގެ އިޖުރާއަތުތަކުގެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ. 
އޭސީސީން ގެޒެޓުކޮށްފައިވާ ތަހުގީގުކުރުމުގެ އިޖުރާއަތުތަކުގެ ގަވާއިދަށް ގެންނަ 1 ވަނަ އިސްލާހުގައި އެ ކޮމިޝަނުން ވަނީ ޕީޖީން އަންގާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ އިތުރުން، ޕީޖީން ފޮނުވާ މައްސަލަތައް ވަގުތުން ރަޖިސްޓްރީ ކުރާށާއި ޖަވާބުދާރީ ވާން ޖެހޭ މުއްދަތަކީ ގިނަ ވެގެން ހަތް ދުވަސް، އަދި ޕީޖީ ހުއްދަ ދީފި ނަމަ 14 ދުވަސް ކަމަށް ކަނޑައަޅާފަ އެވެ.
އޭސީސީން ވަނީ މި ނޫން މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ވެސް އާ ގަވާއިދުގެ މަގުސަދުތަކަށް ވެސް، ދެ މާއްދާއެއް  އިތުރުކޮށްފަ އެވެ. އެއް މަގުސަދަކީ، ގާނޫނު އަސާސީގެ 50 ވަަނަ މާއްދާއިން ލިބިދޭ، އަވަސް ތަހުގީގެއްގެ ހައްގު ކަށަވަރުކޮށްދިނުމާ ގުޅޭ އިޖުރާއަތުތައް ބަޔާންކުރުމެވެ. އަނެއް މަގުސަދަކީ، އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ތަހުގީގުތައް އަވަސް ކުރުމުގެ އުސޫލުތައް ބަޔާންކުރުން ކަމަށެވެ. 
އޭގެ އިތުރުން އޭސީސީން ވަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތައް ހިމަނާފަ އެވެ. މިހާރު ގަވާއިދުގައި އޮންނަނީ  އާންމުންނާއި، ތަހުގީގީ އިދާރާތަކުގެ އިތުރުން މައްސަލަ ހުށަހެޅޭނީ ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕީޖީއަށް ކަމަށެވެ. 
މައްސަލަތައް އަވަސް ކުރަން އޭސީސީގެ ގަވާއިދަށް ބަދަލު ގެނައި ނަމަވެސް، މައްސަލަ ރަޖިސްޓްރީ ކުރަން ފުރިހަމަ ވާން ޖެހޭ ޝަރުތުތައް އެ ކޮމިޝަނުން ވަނީ ހަރުކަށިކޮށްފަ އެވެ. މިހާރު އޮންނަނީ އެންމެ ދެ ޝަރުތެވެ. އެއީ އެ މައްސަލައަކީ އޭސީސީއަށް ހުށަހެޅޭ ބާވަތުގެ މައްސަލައަކަށް ވުމާއި، އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކުގެ ތެރެއިން ގޮތަކުން ހުށަހެޅޭ މައްސަލައަކަށް ވުމެވެ.
މިހާރު ގެނައި ބަދަލުތަކުގެ ދަށުން ވަނީ މި ޝަރުތުތަކުގެ އިތުރުން ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭ ކަމުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ބަލަން ޝަރުތުކޮށްފަ އެވެ. އަދި، އެ ކޮމިޝަނަށް ފޯނުން ގުޅައިގެން ނޫނީ ލިޔުމުން ނޫނީ ހާޒިރުވެގެން ހުށަހަޅާ މައްސަލަތަކުގައި، އެ ކޮމިޝަނުގެ މައްސަލަ ހުށަހަޅާ ފޯމުގައި ހުންނަ ހުރިހާ މައުލޫމާތެއް ފުރިހަމަ މައްސަލައަކަށް ވުމާއި އެ މައްސަލައަކީ އޭސީސީގައި ރަޖިސްޓްރީކޮށްގެން ބަލަމުންދާ މައްސަލައެއް ނޫން ނޫންތޯ ކަށަވަރުކުރަމަކީ ވެސް ޝަރުތުތަކެވެ، 
އާ ގަވާއިދުގެ ދަށުން އޭސީސީގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެ އެވެ. މިހާރު މިކަން ކުރުމުގެ ޒިންމާ އޮންނަނީ މައްސަލަތައް ރަޖިސްޓްރީކުރަން ޖެހޭނީ   ރަޖިސްޓްރީކުރުމުގެ މަސްއޫލިއްޔަތާ އެ ވަގުތު ހަވާލުވެ ހުންނަ އެންމެ އިސް މުވައްޒަފަށެވެ. އާ ގަވާއިދުގައި ވަނީ އެއީ  ކަމަށެވެ. މިހާރު ގެނައި ބަދަލުތަކާއެކީ، އެ ޒިންމާ ވަނީ ސީދާ އޭސީސީގެ ރަޖިސްޓްރާއާ މަތިކޮށްފަ އެވެ. މި ގޮތަށް ރަޖިސްޓްރީކުރުމަށް ނިންމާ މައްސަލަތައް، ތަހުގީގު ޑިވިޝަނަށް ފޮނުވަން ރަޖިސްޓްރާއަށް މަޖުބޫރެވެ.
އޭސީސީން ވަނީ ތަހުގީގުގެ ކުރީގެ މަރުހަލާއަށް ހާއްސަކޮށްގެން ގަވާއިދަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އޭސީސީއަށް ހުށަހެޅޭ މައްސަލަތައް އެސެސްކުރުމުގައި ރިއާޔަތްކުރަން ޖެހޭ ކަންކަމާއި މައްސަލަތައް ނިންމަން ޖެހޭ މުއްދަތު ކަނޑައެޅުން ފަދަ ކަންކަން ހިމެނެ އެވެ. 
އޭސީސީގެ މި ގަވާއިދާ ގުޅިގެން ހަދަން ޖެހޭ އުސޫލުަތައް މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ، އަމަލުކުރަން ފަށަން ޖެހެ އެވެ. ނަމަވެސް މި ގަވާއިދަށް އަމަލު ކުރަން ފަށަނީ މިއަދުން ފެށިގެން ދެ މަސް ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ