މި ހަފުތާގައި ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްރޫޕް އޮފް ސެވަން (ޖީ7) ގެ ސަމިޓާ ދިމާކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑަރުން އެ ސަރަހައްދަށް ވަޑައިގަންނަވަމުން ދަނިކޮށް، އެތައް ހާސް ބަޔަކު ޖެނީވާގައި މުޒާހަރާކުރަން ފަށައިފި އެވެ.
އާދީއްތަ ދުވަހު ބޭއްވި މި މުޒާހަރާ އިސްވެ އިންތިޒާމުކުރީ "ނޯ-ޖީ7" ކޯލިޝަނުންނެވެ. މި ކޯލިޝަނަކީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތައް ހިމެނޭހެން 60 އަށްވުރެ ގިނަ ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދެކެވެ.
އެ ކޯލިޝަނުގެ ތަރުޖަމާނު ފްރާންސުއާ ނިފެލާ ބުނި ގޮތުގައި، ރައީސް ޓްރަމްޕާއި ޖީ7 ގެ އެހެން ލީޑަރުން ގެންގުޅުއްވާ ސިޔާސަތުތަކާ މެދު އެ މީހުން އިންތިހާއަށް ބިރުގަނެ އެވެ. ސަބަބަކީ އެ ލީޑަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތައް އުފައްދައި، ހަމަނުޖެހުން ހިންގަމުންދާތީ ކަމަށް އޭނާ ފާހަގަކުރި އެވެ.
"ދުނިޔެ މިވަނީ ނުރައްކަލެއްގެ ތެރޭގައި. އެކަމާ އަހަރެމެން ވަރަށް ބިރުގަނޭ. އަހަރެމެން ބޭނުންވަނީ މުޒާހަރާކޮށް، ދުނިޔޭގެ ރައްޔިތުން އެ ލީޑަރުންގެ ސިޔާސަތުތަކާ ދެކޮޅުކަން ހާމަކުރަން،" ނިފެލާ އިތުރަށް ބުންޏެވެ.
ފްރާންސްގެ ރިސޯޓް ރަށެއް ކަމަށްވާ އެވިއަން-ލެ-ބެއިންސްގައި ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިން ދުވަހުގެ މި ސަމިޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، ސްވިޒަލޭންޑާއި ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ވަނީ އެތައް ހާސް ފުލުހުންނެއް ނެރިފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ބައެއް މަގުތައް ބަންދުކޮށް، ހުއްދަ ނެތް އެއްވުންތައް މަނާކޮށްފަ އެވެ. އަދި މުޒާހަރާތަކުގެ ސަބަބުން ގެއްލުން ލިބިދާނެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފަ އެވެ.
އެމެރިކާ، ކެނެޑާ، ޖަޕާން، ފްރާންސް، ޖަރުމަނު، އިޓަލީ އަދި އިނގިރޭސިވިލާތް ހިމެނޭ ޖީ7 އިއްތިހާދުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވަނީ ހަމައެކަނި މިއަދަކު ނޫނެވެ.
މީގެ ކުރިން ދުނިޔޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 70 އިންސައްތަ މި ގައުމުތަކުން ހިއްސާކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 40 އިންސައްތައަށް ދަށްވެފަ އެވެ. އަދި މި ގައުމުތަކުގައި ދިރިއުޅެނީ ދުނިޔޭގެ އާބާދީގެ އެންމެ 10 އިންސައްތަ ރައްޔިތުންނެވެ.
ދުނިޔޭގެ ބާރުގެ މިސްރާބު ވަރަށް ބޮޑަށް ބަދަލުވަމުންދާކަމުގެ ނިޝާނެއްގެ ގޮތުން، އެހެން ބައިނަލްއަގުވާމީ އިއްތިހާދުތައް ދަނީ ވަރުގަދަވަމުންނެވެ. އެގޮތުން އިންޑިއާ، ރަޝިއާ އަދި ޗައިނާ ހިމެނޭ ބްރިކްސް ގައުމުތަކުގެ އިއްތިހާދުގެ މެންބަރުންގެ އަދަދު ވަނީ ފަހަކުން 11 އަށް އިތުރުވެފަ އެވެ.
ޖީ7 ސަމިޓާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ