ގަވައިދާ އެއްގޮތަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމަށް 6 މަސް ދުވަސް

ކާބޯތަކެތި ބަންދު ކުރުމާއި ލޭބަލް ކުރުމުގެ ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު ޖޫން 09 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އޮތޯރިޓީން ބުނެފައިވަނީ އެ ގަވައިދަށް އަމަލުކުރަން ފަށާއިރު، ޕެކެޓްކޮށް ލޭބަލްކޮށްފައިވާ ތަކެތި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތަން ކުރަންޖެހޭ ކަންކަން، ކާބޯތަކެތި އުފައްދާ ފަރާތުންނާއި، އިމްޕޯޓްކުރާ ފަރާތުންނާއި، އެކްސްޕޯޓުކުރާ ފަރާތުން އެކަންކަން ކޮށް ނިންމުމަށް 6 މަސް ދުވަހުގެ މުއްދަތެއް ގަވާއިދުގެ ދަށުން ލިބިދޭ ކަމަށެވެ.
އެހެންވެ ދީފައިވާ މުއްދަތުގެ ތެރޭގައި ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުމަށް ނުވަތަ foodsafetydivision@health.gov.mv އަށް މެއިލް ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
މި ގަވާއިދުގައި ބުނެފައިވަނީ ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރެވޭނެ ކަމަށެވެ. މިއީ އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާވެސް ކުރެވޭނެ ފަދަ ކަމެއް ކަމަށާއި ގަވާއިދާ ހިލާފުވާ ނަމަ އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ