ގްވާދަލޫޕޭ (ޖޫން 15) - ޓިއުނީޝިއާގެ މައްޗަށް 5-1 އިން ކުރި ހޯދައި، ސްވިޑެން އިން ފީފާ ވޯލްޑް ކަޕްގެ ފެށުން ރަނގަޅު ކޮށްފި އެވެ.
އެންމެ ފަހުން ބޭއްވި ގަތަރު ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު ސްވިޑެން ވަނީ މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު ގުރޫޕް އެފްގެ އެއްވަނައަށް ޖެހިލައިފަ އެވެ. ނެދަލެންޑްސް އާއި ޖަޕާން ވަނީ ގުރޫޕްގެ ފުރަތަމަ މެޗުގައި ރޭ 2-2 އިން އެއްވަރު ވެފަ އެވެ.
ސްވިޑެން ވަނީ ހަތްވަނަ މިނިޓުގައި ޔަސީން އަޔާރީގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ވިކްޓާ ޔޯކެރޭޒް ފޮނުވާލި ބޯޅަ ޓިއުނީޝިއާގެ ޑިފެންޑަރު ބްލޮކް ކުރި ވަގުތު އޭރިއާ ބޭރުން ލިބުމުން ގޯލަށް ފޮނުވާލީ އަޔާރީ އެވެ. އޭގެ ފަހުން މެޗުގެ 30 ވަނަ މިނިޓުގައި އެލެކްޒެންޑާ އީސާކް ވަނީ ސްވިޑެން އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
ނަމަވެސް ފަހު 10 މިނިޓުގައި ޓިއުނީޝިއާ މޮޅަށް ކުޅެ ހޯދި ފުރުސަތުތަކުގައި، ހަނިބަލް މެޖްބްރީ ނަގައިދިން ހުރަހަކުން އޮމަރު ރެކީކް ވަނީ 43 ވަނަ މިނިޓުގައި ޓިއުނީޝިއާއަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ސްވިޑެން އަށް އަލުން ދެ ގޯލުގެ ލީޑު ހޯދައިދިނީ ވްކްޓޯ ޔޯކެރޭސް އެވެ. އެއަށް ފަހު 84 ވަނަ މިނިޓުގައި ސްވިޑެންގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މަޓިއަސް ސްވަންބާގް އެވެ. މިއީ އޭނާ ކުޅެން ނުކުތްތާ 18 ސިކުންތު ތެރޭގަ އެވެ. މި ގޯލުގައި އޭނާ އޮފްސައިޑް ކަމަށް ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ރިވިއު އަށް ފަހު ވަނީ އޭނާ އޮފްސައިޑް ނުވާ ކަމަށް ނިންމައި ގޯލު ބަލައިގެންފަ އެވެ.
ޔޯކެރޭސް ވަނީ މެޗުގައި އީސާކް ޖެހި ގޯލު އެސިސްޓް ކޮށްދީފަ އެވެ. އަދި އީސާކް ވަނީ ޔޯކެރޭސް އާއި ސްވަންބާގްގެ ގޯލު އެސިސްޓް ކޮށްދީފަ އެވެ.
ސްވިޑެންގެ ފަހު ލަނޑު، އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޖަހައިދިނީ ފުރަތަމަ ގޯލު ވެސް ޖެހި އަރާރީ އެވެ. ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ މެޗުގައި، ފުރަތަމަ ގޯލު ޖެހުަމަށް ފަހު އޭނާ އުފާފާޅު ކޮށްފައެއް ނުވެ އެވެ. އޭނާ އަކީ ޓިއުނީޝިއާ އާއި މޮރޮކޯ ނަސްލުގެ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އުފަންވީ ސްވިޑެންގަ އެވެ. ދެވަނަ ގޯލަށް ފަހު އޭނާ ވަނީ ކޮންމެވެސް ވަރަކަށް އުފާފާޅުކޮށް ޝުކުރުގެ ސަޖިދައަކަށް ތިރިވެފަ އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި މިރޭ 9 ޖަހާއިރު ސްޕެއިން އާއި ކަބޯ ވާޑޭ ބައްދަލު ކުރާނެ އެވެ. އެއަށް ފަހު 12 ޖަހާއިރު ބެލްޖިއަމް އާއި މިސްރު ބައްދަލު ކުރާ މެޗަށް ފަހު، 3 ޖަހާއިރު ބައްދަލު ކުރާނީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ އެވެ. އަދި މާދަމާ ހެނދުނު 6 ޖަހާއިރު ބައްދަލު ކުރާނީ އިރާނާއި ނިއުޒިލެންޑެވެ.
ފުރިހަމަ މޮޅަކާ އެކު ސްވިޑެން ގުރޫޕްގެ އެއްވަނައިގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ