މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން، ދޭން ނިންމާފައިވާ އެހީއެކެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެސް.ޖީ.އައި.އައި މަޝްރޫޢުގެ ތެރެއިން "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2026-2022)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2028-2025)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ފަންނީ އިރުޝާދާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެ ވުޒާރާއިން ވިދާޅުވީ މި އެހީ ޚާއްސަކުރެވިފައިވަނީ ގެވެށި އަނިޔާއާއި، ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކަށެވެ. މިކަމާ ގުޅޭ އުސޫލު، މިހާރު އާއްމުކޮށްފައިވާއިރު، މި އުސޫލުގައި ގްރާންޓަށް ހުށަހެޅޭނެ ދާއިރާތަކާއި، ހިންގޭނެ ސަރަހައްދުތަކުގެ އިތުރުން، އިދާރީ އަދި މާލީ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ވަނީ ހިމަނާފައެވެ.
މި އުސޫލުގައިވާގޮތުން މި އެހީއަށް އެދި ހުށަހެޅޭނީ ގެވެށި އަނިޔާއާއި މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކަށް، ގެވެށި އަނިޔާއާއި މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާތައް މަދުކުރުމަށް ފިރިހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށް އަދި ޖުތަމަޢުގެ ފެންވަރުގައި މައްސަލަތައް ދެނެގަތުމާއ،ި ރިފަރަލް އަދި އިޖާބަދިނުމުގެ ނިޒާމު ޤާއިމުކުރުމަށެވެ.
މީގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދެވޭ ޚިދުމަތްތައްތަކާއި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ހިޔާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި ދާއިރާ ފުޅާކުރުމުގެ ދާއިރާ އަދި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށާއ،ި އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ދިރާސާ ކުރުމާއި މައުލޫމާތު އެއްކޮށް ވަކާލާތުކުރުން ހިމެނެއެވެ. އަދި އިސްރަށްވެހިންނަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ ހިމެނެއެވެ.
އުސޫލުގައިވާގޮތުން ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއިން ވަކިވަކި ޖަމްޢިއްޔާތަކުން ހުށަހަޅާ ޕްރޮގްރާމްތަކަށް 771،000 ރުފިޔާއާ ހަމައަށް އެހީދިނުމަށް ހަމަޖެހިފައިވެއެވެ. ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮގްރާމްތަކަށް 1,156,500 ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ވަކިވަކި ޖަމުޢިއްޔާތަކުން ހުށަހަޅާ ޕްރޮގްރާމްތަކަށް 616,800 ރުފިޔާ އަދި ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮގްރާމްތަކަށް 925,000 ރުފިޔާގެ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާގެ ހަރަކާތައް ހިންގޭނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައެވެ. އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާގެ ހަރަކާތްތައް ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހިނގޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަމަށް، މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް މާލީ އެހީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ