ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މި ގަރާރުގައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ލޯކަލް ކައުންސިލްތަކުގައި ހިމެނޭ ކައުންސިލަރުން ކަމަށާއި އެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެ، އެ ފަރާތްތަކުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވެފައިވާ ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި، އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށް ލިބޭކަން ފާހަގަކޮށްފަ އެވެ.
ގަރާރުގައި ފާހަގަކުރި ކަންކަން
1- ކައުންސިލް ރައީސްގެ މުސާރަ، ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަ.
2- ކައުންސިލް ނައިބު ރައީސްގެ މުސާރަ، ކައުންސިލް އެގްޒެކެޓިވެއްގެ މުސާރައަށްވުރެ ކުޑަ.
3- ކައުންސިލް މެންބަރުންގެ މުސާރަ، ކައުންސިލްގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަށްވުރެ ކުޑަ.
ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ ކައުންސިލަރުންގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަކޮށް އޮތުމަކީ، ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްކަމަށް ބެލުމަށް މެދުވެރިވާ ސަބަބެއް ކަމަށް މީކާއީލްގެ ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ސަރުކާރުން އައްޔަންކުރާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ވުރެ ކުޑަވުމުން، އިންތިހާބީ އޮފިޝަލުންގެ ބާރުވެރި ކަމަށް އުނިކަންގެނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން ގަރާރުގައިވަނީ ކައުންސިލަރުންނަކީ އިތުރު ގަޑީގެ އިނާޔަތްވެސް ލިބޭ ބަޔަކަށް ނުވާތީ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ