ވޯލްޑްކަޕް ވޯލްޑްކަޕް ބައްޕަގެ ގައުމު ކޮޅަށް އަޔާރީގެ ދެ ގޯލު، ސްވިޑެންއަށް ވަރުގަދަ ފެށުމެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އެފް“ ގައި ސްވިޑެން އާއި ޓިއުނީޝިއާ ބައްދަލުކުރި ފުރަތަމަ މެޗު، 5-1 ގެ ބޮޑު ތަފާތަކުން ސްވިޑެން ކާމިޔާބުކޮށްފިއެވެ.
މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްވިޑެން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފެށުން ފުރިހަމަކޮށްފައެވެ.
މި މެޗުގެ 5-1 ގެ ނަތީޖާއިން ސްވިޑެން މޮޅުވި އިރު، އެ ޓީމުގެ ޔާސިން އަޔާރީ ދެ ގޯލު ކާމިޔާބުކޮށްދިނެވެ. އަޔާރީގެ ބައްޕައަކީ ޓިއުނީޝިއާއަށް އުފަން މީހެއް ނަމަވެސް، ދިރިއުޅުން ވަނީ ސްވިޑެންއަށް ބަދަލުކޮށްފައެވެ. އަޔާރީގެ އުފަން ގައުމަކީ ސްވިޑެންއެވެ.
ސްވިޑެންގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އެލެގްޒެންޑާ އިސާކް އާއި ވިކްޓާ ޔޮކަރޭސް އަދި މަޓިއަސް ސްވަންބާގް އެވެ. ޓިއުނީޝިއާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އުމަރު ރެކިކް އެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޔާސިން އަޔާރީ ވަނީ ހިތްގައިމު ގޯލަކުން ސްވިޑެންއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 30 ވަނަ މިނެޓުގައި ޔޮކަރެސްގެ އެހީތެރިކަމާއެކު އިސާކް ގޯލެއް ޖަހައި ސްވިޑެންގެ ލީޑު ފުޅާކުރިއެވެ. ހާފު ނިމެން ކައިރިވެފައިވަނިކޮށް، ހަނިބަލް މެޖްބްރީ ނަގައިދިން ހުރަހަކުން އުމަރު ރެކިކް ވަނީ ޓިއުނީޝިއާއަށް ގޯލެއް ޖަހައިދީ އުންމީދު އާކޮށްދީފައެވެ.
ދެވަނަ ހާފުގައި ސްވިޑެން އިން އިތުރު ހަމަލާތަކެއް އުފައްދައި މެޗުގެ ކޮންޓްރޯލް ހޯދިއެވެ. 59 ވަނަ މިނެޓުގައި ޔޮކަރޭސް ގޯލު ޖަހައި ސްވިޑެންގެ ލީޑު 3-1 އަށް ބަދަލުކުރިއެވެ. މެޗުގެ ފަހުކޮޅު ސްވިޑެންގެ ފަރާތުން އިތުރު ދެ ގޯލު ފެނިގެންދިޔައެވެ. 84 ވަނަ މިނެޓުގައި މަޓިއަސް ސްވަންބާގް ގޯލެއް ޖެހި އިރު، އިތުރު ވަގުތުގެ ތެރޭގައި އަޔާރީ އޭނާގެ ދެވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ 5-1 އަށް ފުޅާކުރިއެވެ.
މި މޮޅާއެކު ސްވިޑެންއަށް ގްރޫޕް އެފްގެ އެންމެ ކުރިން ޖާގަ ލިބުނު އިރު، ޓިއުނީޝިއާއަށް ވަނީ މުބާރާތުގެ ކުރިއަށް އޮތް މެޗުތަކުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ނެދަލެންޑްސް އާއި ޖަޕާން އެވެ. އެ ދެ ޓީމު ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ