ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ރޭ ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ފޫއްސޭ ބުނެފައި ޓީވީ ނިއްވާލި މީހުންނާއި ފޫހިވެގެން ނިދުނު މީހުންނަށް ލިބުނީ ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި އަދި މާ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސް ނުކުރެވި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ދެ ޓީމު ވެސް ފެނުނީ މުޅިން ތަފާތުކޮށެވެ. ހަމަ ޖެހީ، ޖެހީ އެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ރަޔަން ގްރެވަންބާކް ނަގައިދިން ހުރަހަކުން އައި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އެވެ.
ޖަޕާނުން ވަކި ދޫކުރާނެ ހެއްޔެވެ؟ އޭގެ ހަތް މިނެޓު ފަހުން، ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ޖަޕާނުގެ ކެއިޓޯ ނަކަމޫރާ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ނެދަލެންޑްސްގެ ޑިފެންސް ލައިން ފޫއަޅާފައި ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.
ނެދަލެންޑްސްގެ ޑިފެންޑަރުން ތިބީ ވީނުވީއެއް ނޭނގިފަ އެވެ. ވެން ހެކްގެ ފައިގައި ޖެހި، ބޯޅައިގެ މިސްރާބު ކޮންމެވެސް ވަރަކަށް ބަދަލުވުމުން ކީޕަރަށް ވެސް އެ ހަމަލާ ނުހުއްޓުވުނެވެ.
އެކަމަކު ނަތީޖާ އެގޮތުގައި ދެމިއޮތީ، އަނެއްކާވެސް ހަތް މިނެޓަށެވެ. މެޗުގެ 64 ވަނަ މިނެޓުގައި ކްރަންސެންސިއޯ ސަމަވިލް ޖަޕާނުގެ ޕެނަލްޓީ އޭރިއާގެ އެތެރެއިން، އަރިމަތިން ޖެހި ޝޮޓަށް ޖަޕާނުގެ ކީޕަރުގެ އަތް ނުފޯރި އެވެ.
އަނެއްކާވެސް ބުނެވޭނީ މިހެންނެވެ: ޖަޕާނުން ވަކި ދޫކުރާނެ ހެއްޔެވެ؟ ނޫނެވެ. އެ ޖަވާބު ލިބުނީ މެޗުގެ 89 ވަނަ މިނެޓުގަ އެވެ.
ޖަޕާނަށް ލިބުނު ކޯނަރަކުން އައި ބޯޅައިގައި ބޮލުން ޖެހީ ކޯކީ އޮގާވާ އެވެ. އެ ބޯޅަ ގޯލަށް ވަނީ ޑައިޗީ ކަމާޑާގެ ބޮލުގައި ޖެހިފަ އެވެ. އިސްކޮޅުން ދިގު، ޖާނުން ވަރުގަދަ ކުޅުންތެރިން ތިބުމާ އެކު ސެޓް ޕީސްތަކުގައި ނެދަލެންޑްސް ފެނުނީ ނުރައްކާކޮށެވެ. އެކަމަކު ސެޓް ޕީސްއެއްގެ ބޭނުން ހިފީ ޖަޕާނުންނެވެ. ނެދަލެންޑްސްއަށް ކާން ދިނީ، ނެދަލެންޑްސްގެ ބޭހެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު ނަމަވެސް މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުން ހަގީގަތުގައި މޮޅުވީ ދެ ވަނަ ހާފު ބަލަން މަޑުކުރި މީހުންނަށެވެ. ޖަޕާނާއި ނެދަލެންޑްސްއަށް ޕޮއިންޓެކެވެ. ބެލުންތެރިންނަށް ތިން ޕޮއިންޓެވެ.
ގްރޫޕް އެފްގައި ދެ ހިމެނެނީ ސުވިޑަން އާއި ޓިއުނީޝިއާ އެވެ.
ޖަޕާނުން ނެދަލެންޑްސްއަށް ތަން ފުކެއް ވެސް ދޫ ނުކުރި؛ ޖެހީ، ޖެހީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ