ސަންޕާ ސަރަޙައްއްދަށް ވަންނަ އުޅަނދުތައް މި މަހުގެ ނިޔަލަށް މިންގަނޑަށް ފައްތަންޖެހޭ

ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި އެތަކެތި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް މިމަހުގެ 30 ގެ ކުރިން ހަރުކުރަން ޖެހޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ އަރިއަތޮޅު ދެކުނުބުރީގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ ސަންޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތެކެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ނިންމުމަކީ އެ ސަރަޙައްދުގެ ކަނޑުގެ ދިރުންތަކާއި އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ބުރަފަތީގައި ރައްކާތެރިކަމުގެ ދާ ހަރުކުރުމުގެ މައިގަނޑު ދެ ބޭނުމަކީ އެއްޗެއްގައި ޖެހިގެން ބުރަފައްޗަށް ނުވަތަ ގިއަރ ބޮކްސަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމާއި މޫދުގައި އުޅޭ މީހަކު ނުވަތަ ފެހުރިހީގެ ފަދަ ކަނޑުގެ ދިރުންތައް އެނބުރޭ ބުރަފައްޗެއްގައި ޖެހި ލިބިދާނެ އަނިޔާއަކުން ރައްކާތެރިކުރުންކަމަށް ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ހަމައެކަނި ބުރަފަތީގައި ދާ ހަރުކުރުމުން ހުރިހާ ނުރައްކަލަކުން ސަލާމަތެއް ނުވެވޭނެކަމަށާއި ބުރަފަތިން ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެނބުރޭ ބުރަފައްޗެއްގެ ކައިރީގައި މީހަކު ނުވަތަ ދިރުމެއް ހުރިޔަނުދިންކަމަށެވެ. އެގޮތުން އުޅަނދު ދުއްވާ ފަރާތްތަކުން ހުރިހާ ވަގުތެއްގައިވެސް ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބެލުމާއި އިންޖީނު ޖެއްސުމުގެ ކުރިން ބުރަފަތި ކައިރީގައި ނުރައްކަލެއް އޮތްތޯ ޗެކްކުރުމާއި އިންޖީނު ހިނގާ ވަގުތު "ކިލް ކޯޑް" ބޭނުންކުރުން ހިމެނެއެެވެ.
މީގެ އިތުރުން މޫދުގައި އުޅޭ މީހަކު ބުރަފަތީގައި ޖެހިދާނެ ފަދަ ނުރައްކަލެއް އޮތްނަމަ އިންޖީނު ނިއްވާލުމާއި މޫދަށް ވެއްޓި ބުރަފަތީގައި ޖެހިދާނެ ފަދަ ނުރައްކާތަކާ ގުޅޭގޮތުން ފަސިންޖަރުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑުތަކާއި ދުރުމިނަށް ބޯލެނބުންމަވަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އުޞޫލުތަކަށް ބޯލެނބުމަކީ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށާއި ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށެވެ.
ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި، އައު ޤާނޫނީ އުސޫލެއް 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ އެކުލަވާލާފައެވެ. މި އުޞޫލުގައި ފެހުރިހި ހިމާޔަތްކުރުމުގައި ސަމާލުވާންވީ ކަންކަމާއި އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ފެހުރިއްސާ މެދުގައި އަމަލުކުރާނެ ގޮތް ހިމެނާފައިވެއެވެ.
މި އުޞޫލުގައިވާގޮތުން ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަޙައްދަކީ "ކޮންޓެކްޓް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. މި ޒޯނުގައި އެއްފަހަރާ ޙަރަކާތްތެރިވެވޭނީ ގިނަވެގެން 3 އުޅަނދަށެވެ.
ކޮންޓެކްޓް ޒޯނުގައި އުޅަނދުފަހަރުގެ ދުވެލި ގަޑިއަކު 5 ނޮޓަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ފެހުރިހީގެ 50 މީޓަރު ސަރަޙައްދުގެ ތެރޭގައި އުޅަނދުފަހަރުގެ ދުވެލި ބަހައްޓަންވާނީ ގަޑިއަކު 2 ނޮޓުގައެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ކޮންޓެކްޓް ޒޯނުން ނުކުތުމަށް ގަޑިއަކު 5 ނޮޓަށްވުރެ ބާރަށް ދުއްވަން ޖެހިއްޖެނަމަ، ވީއެންމެ އަވަހަކަށް އެ ޒޯނުން ނުކުތުމުގެ ހުއްދަ ދެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ