އެމެރިކާގެ މިސޫރީގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

އެމެރިކާގެ މިސޫރީ ސްޓޭޓުގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި، އެ ބޯޓުން ދަތުރުކުރި 11 ސްކައިޑައިވަރުންނާއި ބޯޓުގެ ޕައިލެޓާއެކު ޖުމްލަ 12 މީހުން މަރުވެއްޖެއެވެ. ބޭޓްސް ކައުންޓީގެ އިމަޖެންސީ މެނޭޖްމަންޓްގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، ސްކައިޑައިވްކުރާ ކުންފުންޏަކުން ކުއްޔަށް ނަގައިގެން އޮޕަރޭޓުކުރަމުންދިޔަ މި ބޯޓު އުދުހެން ފަށާފައިވަނީ އާދީއްތަ ދުވަހުގެ 11:20 ހާއިރުއެވެ. ނަމަވެސް، ބޯޓު ނައްޓާލުމަށްފަހު އެކަށީގެންވާ އުސްމިނަކަށް ނޭރި، ކުއްލިއަކަށް ވާތްފަރާތަށް އެނބުރުމަށްފަހު ވަނީ ވެއްޓިފައެވެ. މި ބޯޓު ވެއްޓިފައިވަނީ ބަޓްލާ މެމޯރިއަލް އެއާޕޯޓާ ގާތްގަނޑަކަށް 200 ޔާޑު ދުރަށެވެ. މި ހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭޓްސް ކައުންޓީގެ ޝެރިފް، ޗެޑް އެންޑާސަން ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބަލަމުންދަނީ ގިނަ ބަޔަކު މަރުވި ހާދިސާއެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ވިޔަފާރި އުސޫލުން ދަތުރުކުރާ ކޮމާޝަލް އެއާލައިނެއް ނޫން ކަމަށާއި، މިއީ އެ ސަރަހައްދުގެ އެއާޕޯޓުން ނައްޓާލި ލޯކަލް ބޯޓެއް ކަމަށް ޝެރިފް ފާހަގަކުރެއްވިއެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނި ގޮތުގައި، މި ހާދިސާގައި ވެއްޓިފައިވަނީ ޕެސިފިކް އޭރޯސްޕޭސް ޕީ750 މަރުކާގެ މަތިންދާބޯޓެކެވެ. އަދި މި ބޯޓު ވެއްޓިފައިވަނީ އެއާޕޯޓުން ނައްޓާލި ވަގުތުގައެވެ. އެފްއޭއޭއިން އިތުރަށް ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ބޯޓަށް އެއާ ޓްރެފިކްގެ ޚިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެ އިދާރާގެ ތަރުޖަމާނަކު އޮޅުންފިލުވައިދިން ގޮތުގައި، ބޯޓު އުދުހެމުންދިޔަ ވައިގެ ސަރަހައްދުގެ ގޮތުން އެއާ ޓްރެފިކް ކޮންޓްރޯލާ މުވާސަލާތު ކުރުން އެ ބޯޓަށް ލާޒިމެއް ނޫނެވެ. މީގެ އިތުރުން، ބޯޓު ވެއްޓުމުގެ ކުރިން އެއްވެސް ސްކައިޑައިވަރަކު ފުންމާލިތޯ ބެލުމަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޝެރިފް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި މަންޒަރު މަރުވި ބައެއް މީހުންގެ އާއިލާގެ މެންބަރުންނަށް ވަނީ ފެނިފައެވެ. ނަމަވެސް، މަރުވި މީހުންގެ ވަނަވަރު ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާ ހިނގި ބަޓްލަ ސިޓީއަކީ ކެންސަސް ސިޓީގެ މެޓްރޮޕޮލިޓަން ސަރަހައްދާ 50 މޭލު ދެކުނުގައި އޮންނަ ރަށެކެވެ. އެފްއޭއޭއިން ބުނި ގޮތުގައި މި ހާދިސާ ތަހުގީގުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަމުންދަނީ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ