ހިޔާނާތުގެ މައްސަލައެއްގައި މާލޭ ސްކޫލެއްގެ އިސް މުވައްޒަފުންތަކެއް ވަކިކޮށްފި

މާލޭގައި ހިންގާ ސަރުކާރު ސްކޫލެއްގެ ބަޖެޓުން އޮޅުވާލައިގެން ހިންގަމުން ދިޔަ ހިޔާނާތުގެ ބޮޑު  މައްސަލައެއް ފެންމަތިވެ، އެ ސްކޫލުގެ އިސް ތިން މުވައްޒަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓު އޮފިސަރެވެ.
މި ތިން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމީ، އެ ސްކޫލުގައި މަސައްކަތް ކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވި ފަހުން، އޭނާގެ ނަމުގައި ގާތްގަނޑަކަށް ފަސް އަހަރު ވަންދެން މުސާރަ ނަގަމުންދިޔަ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގަ އެވެ.
ސަރުކާރުގެ އިތުބާރު ކުރެވޭ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، 2021 އިން ފެށިގެން އެ ބިދޭސީ މީހާގެ މުސާރަ ދިޔައީ ގަވާއިދާ ހިލާފަށް ބަޖެޓު އޮފިސަރާ އާއިލީ ގޮތުން ގުޅުން އޮތް  މީހުންގެ ބޭންކު އެކައުންޓަށް ޖަމާކުރަމުންނެވެ.
"އެއީ ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ ހިޔާނާތެއް،" އޭނާ ވިދާޅުވި އެވެ. 
މި މައްސަލަ ފުރަތަމަ ފާހަގަވީ ޓީޗަރުންގެ މުސާރަ އެޕްރޫވްކުރުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފަހުން ރެންޑަމްކޮށް ކުރި ޗެކްކުރުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ދިން އޮފިޝަލް ބުންޏެވެ.
މި ހިޔާނާތުގެ މައްސަލައެއް ފެންމަތިވެ، އިދާރީ ފިޔަވަޅު އަޅާފައިވީ ނަމަވެސް، މި މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ފުލުހުން ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާކަން އަދި ކަށަވަރެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ