ނިމިދިޔަ ރަމަޟާން މަހުގެ ދުވަހެއްގައި ގަސްދުގައި ރޯދަ ނުހިފައި ހުރި ދިވެހި ފިރިހެނަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު (28 ރަމަޟާން) ގެ ދުވާލު ވަގުތެއްގައި، ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ޕީއާރުޔޫ ކައުންޓަރު ކައިރީގައި ހުރި ގޮނޑިއެއްގައި އިނދެ އެނާޖީ ޑްރިންކް ދަޅެއް ބުއި މީހެއްގެ މައްޗަށެވެ.
މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގު މަރުހަލާގައި 16 ދުވަހު ބަންދުގައި ބެހެއްޓި އެވެ. އަދި ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔައިރު، ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 9 ވަނަ ދުވަހު ކުރި ހުކުމުގައި، ރޯދަ ނުހިފި ކުށުގައި އެ މީހާގެ މައްޗަށް ކަނޑައެޅި އަދަބަކީ 27 ދުވަހަށް ޖަލަށް ލުމަށެވެ.
ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މައްސަލައިގެ ތަހުގީގަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރާ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 11 ދުވަހުގެ ޖަލު ހުކުމެކެވެ.
ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުނެކެވެ. ޝަރުޢީ ސަބަބަކާލައިގެން މެނުވީ ރޯދަ ދޫކޮށްލުމަކީ ހުއްދަ ކަމެއް ނޫނެވެ.
ގަބޫލުކުރެވޭ ފަދަ، ދީނީ ނުވަތަ ސިއްހީ ނުވަތަ ސިއްހަތާ ގުޅުން ހުރި ސަބަބެއްނެތި ރަމަޟާން މަހު، ރޯދަ ނުހިފުމާއި، ރޯދައަށްހުރެ ރޯދަ ދޫކޮށްލުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 616 ގެ ދަށުން ކުށެކެވެ.
ގަސްދުގައި ރޯދަ ނުހިފި ދިވެހި ފިރިހެނަކު ޖަލަށް ލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ