ދުނިޔޭގެ ޤައުމުތަކުން އިބޯލާ ކޭސް ފެނުމާއި ގުޅިގެން، އިބޯލާއަކީ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައިފިއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި (ޑީއާރްސީ) ޔުގާންޑާގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ހަލުވިކަމާއެކު ފެތުރެމުންދާކަން ހާމަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) އިން ވަނީ، އެ ސަރަޙައްދުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އިބޯލާ އަކީ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އެޗްޕީއޭއިން ވިދާޅުވީ ބަލީގެ ހާލަތު މޮނިޓަރ ކުރަމުންދާކަމަށެވެ. އަދި އެ ބަލި ރާއްޖެއަށް އައުމުގެ ފުރުޞަތު އޮތް މިންވަރު ކުޑަކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބަލި ފެނިފައިވާ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިޔާ، ރުވަމްޕާރާ އަދި މޮންގްބުވާލޫ ހިމެނޭ ގޮތުގައި ތިން ސަރަޙައްދަކުން ބަލި ޖެހިގެން 80 މީހުން މަރުވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމުގައި ޑަބްލިޔުއެޗްއޯއިން ހާމަކުރިއެވެ. އަދި ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ އަށް ވޭދަނައަކާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ވޭދަނައެއް ފެނިފައިވާއިރު، ކޮންގޯގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިރުމަތީ ޕްރޮވިންސްގައި އަލަށް ފެތުރެން ފެށި މި ބަލިމަޑުކަމުގައި 80 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
މިއީ، 1976 ވަނަ އަހަރު މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ކޮންގޯގައި މި ބަލި ފެތުރޭ 17 ވަނަ ފަހަރެވެ.
އިބޯލާއަކީ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއް: ޑަބްލިޔުއެޗްއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ