20 ވަނަ މަޖިލިހުގެ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.
ގާސިމް އެގޮތަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުން ނުކުމެވަޑައިގެން، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ މިހާރު ވެސް ފުރުއްވަމުން ގެންދަވާ މާމިގިލީ ދާއިރާ އަށް ކަމުގައި ގާސިމް ވިދާޅުވިއެވެ.
މާމިގިއްޔަށް އުފަން ގާސިމަކީ ނަވާރަ ވަނަ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ އެއް މެމްބަރެވެ. ގާސިމަކީ 1990 ވަނަ އަހަރުން ފެށިގެން މަޖިލިހުގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. ގާސިމް ވަނީ ހާއްސަ މަޖިލިހުގެ މެމްބަރުކަމާއި ހާއްސަ މަޖިލިހުގެ ރައީސްކަމާއި މަޖިލިހުގެ 18 ވަނަ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.
އަދި މެއި 28، 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހިދުމަތްކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ