މިހާރުގެ ސަރުކާރު ހިނގަމުންދަނީ އިނގިރޭސި ވިލާތުގެ ނުފޫޒުގެ އިތުރުން އެ މީހުން ބޭނުންވާ ގޮތަށް ކަމަށާއި ގައުމުގެ މިނިވަންކަމާއި ދީނާއި ސަގާފަތާއި ތާރީހާއި ސިޔާދަތު މިހާރު އޮޔާދަމުންދާ ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ބުދަދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި ޑީއާރުޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ދިވެހިންގެ ހުރިހާ ވެސް ފަހުރަކީ ދިވެހިންގެ އިސްލާމް ދީނާއި މިނިވަންކަމާއި އަމިއްލަވަންތަކަމާއި ދިވެހި ސަގާފަތާއި ދިވެހި ބަސް ކަމަށާއި އެ ކަންތައްތައް އުވިގެންދިއުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ އަކީ އެނބުރި އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ދަށުގައި އޮންނަ ތަނަކަށް ވާން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ އަކީ އިނގިރޭސި އިސްތިއުމާރުގެ ކޮލޮނީއަކަށް ވާކަށެއް. ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް ރާއްޖެ އިނގިރޭސިންގެ ކޮލޮނީއަކަށް ވެފައެއް ނެތް. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް. ރާއްޖޭގައި އިނގިރޭސި ސަރުކާރުގެ ހިންގުންތެރިއެއް، ވެރިއެއް އެއްވެސް އިރެއްގައި ނުހުރޭ،" މައުމޫން ވިދާޅުވި އެވެ. "އެހެން ނަމަވެސް މިހާރު ހިނގަމުންދަނީ ކިހިނެއްތޯ؟ ރާއްޖޭގެ ކަންތައްތައް ހިންގުމުގައި އިނގިރޭސި ވިލާތުގެ ސިޔާސީ ޕާޓީއެއްގެ ]ކޮންޒަވެޓިވް ޕާޓީ[ ބަޔަކު އެބަ ބައިވެރިވޭ. ރިޔާސީ އިންތިހާބުގައި ވެސް އެމީހުން ބައިވެރިވި. އެމީހުންގެ ފައިސާ އާއި އަދި ވިސްނުމާއި ކަންތައް ކޮށްދީފައިވޭ. އެ ހުރިހާ އެހީތެރިކަމެއް އެމްޑީޕީ އަށް ވެދިން. އަދި މިހާރު ސަރުކާރު ހިނގަމުން މިދަނީ ވެސް އެމީހުން ބުނާ ގޮތަކަށް. އެ މީހުންގެ ނުފޫޒު ރާއްޖޭގައި މިހާރު މިވަނީ ވަރަށް ވަރުގަދަ ވެފައި."
ތިރީސް އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ ދިވެހިންގެ މުހިންމު ގައުމީ ތަންތަން މިހާރު ދަނީ ބޭރުގެ އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަމުން ނުވަތަ ވިއްކަމުން ކަމަށާއި އެއާ އެކު ރާއްޖޭގެ މިނިވަންކަން ވެސް ދަނީ ގެއްލެމުން ކަމަށެވެ. މައުމޫން ވިދާޅުވީ ރާއްޖޭގެ ހާލަތު އެގޮތަށް ބަދަލުވަމުންދާތީ އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމަކީ ޑީއާރުޕީ އަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އެކަން ހާސިލުކުރުމަށްޓަކައި މަޖިލީހުން މަދުވެގެން 60 ގޮނޑި ޑީއާރުޕީ އަށް ކާމިޔާބު ކުރެވޭނީ، މައުމޫނު ވިދާޅުވި ގޮތުގައި، ވަރަށް ވަރުގަދަ އަޒުމަކާ އެކު މަސައްކަތް ކޮށްގެންނެވެ.
މައުމޫން ވިދާޅުވީ މި ދަނޑިވަޅަކީ "އެމްޑީޕީގެ ސަރުކާރު ރޫޅެމުން، ކުދިކުދިވަމުން، ވެއްޓެމުންދާ ދަނޑިވަޅެއް" ކަމަށާއި އެހެންވެ މިއީ ސިޔާސީ ގޮތުން މުހިންމު ދަނޑިވަޅެއް ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުކަމުން ޑރ. ހަސަން ސައީދު ބުދަ ދުވަހު އިސްތިއުފާ ދެއްވި ދެއްވުމާއި މިހާރުގެ ސަރުކާރުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓަރު ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވި ދެއްވުމަށެވެ.
"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ އެހެން މެމްބަރުންނާއި ދެންމެ މި ދަންނަވާލި އިސްތިއުފާ ދެއްވި އަނެއް ބޭފުޅާގެ ]ޑރ. ހަސަންގެ ޕާޓީ[ ޕާޓީގެ މެމްބަރުންނާއި މި ބޭފުޅުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ހިޔާލުކުރައްވަމުން ގެންދަވަނީ. އެކަން އެހެން ދިމާވެއްޖެ ނަމަ އެ ވިދާޅުވާ އިއްތިހާދުގައި ތިބޭނީ ވަރަށް މަދު ބައެއް. އިއްތިހާދެއް ނޯންނާނެ. އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާ ދެ ފަރާތެއް ފަހަރެއްގައި ތިބެދާނެ. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ އެ ބޭފުޅުން ވެސް މިހާރު ގެންދަވާނީ ވިސްނަވަމުންނޭ. ފެތެމުންދާ އޮޑިއެއްގައި ތިބުމުގެ ބޭނުމަކީ ކޮބައި ބާވައޭ އެ ބޭފުޅުންގެ ހިތްޕުޅަށް އަރައިގަންނަވާނެ. އެހެންވީމަ މި ވަގުތު ސަރުކާރުގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުންނަށް އަޅުގަނޑު މި ދަންނަވާލަނީ އަވަހަށް ތިޔަ ބޭފުޅުންގެ އަމިއްލަ ނަފުސައިގެން ސަލާމަތްވެ ވަޑައިގަންނަވާށޭ. ފެތެމުންދާ އޮޑިން އަވަހަށް ފައިބައި ވަޑައިގަންނަވާށޭ. ދިވެހި ރައްޔިތުންގެ ކުރިމަތީގައި ތިޔަ ބޭފުޅުންގެ ހިތްވަރާއި އަޒުމް ސާބިތު ކޮށްދެއްވާށޭ،" ގާތްގަނޑަކަށް ހާހެއްހާ މީހުން ހާޒިރުވި ބައްދަލުވުމުގައި މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީގެ ބައްދަލުވުމުގައި މައުމޫނުގެ އިތުރުން އެހެން ބައެއް އިސް މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އެ ހުރިހާ ބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި ފާޑުވިދާޅުވީ މިދިޔަ ނޮވެމްބަރު 11 އިން ފެށިގެން ވެރިކަން ކުރަމުންދާ ރައީސް ނަޝީދުގެ ސަރުކާރަށް 100 ދުވަސްވީ އިރު ހިނގާފައިވާ އެކި ކަންތައްތަކަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެހެން ބައެއް މެމްބަރުން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ އަޅާބަލާއިރު ދައުލަތުގެ މީޑިއާ އަށް މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުން ދާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
ޑީއާރުޕީގެ ނާއިބު ޒައީމް އަހުމަދު ތަސްމީން އަލީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ މާ ކުރިން ދައުލަތުގެ މީޑިއާ އިދިކޮޅު ފަރާތްތަކަށް ހުޅުވާލާފައިވީ ނަމަވެސް މަޖިލީހުގެ އިންތިހާބަށް ގާތްގަނޑަކަށް ދެ މަހަށް ވީއިރު އިދިކޮޅު ފަރާތްތަކަށް އެފަދަ ފުރުސަތުތަކެއް ނެތް ކަމަށެވެ. އެހެންވެ ތަސްމީން ވިދާޅުވީ މިހާރު ކަޑައްތު ކުރަމުންދަނީ މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިވެފައިވާ ވެއްޓެއް ނޫން ކަމަށެވެ.
މިހާރުގެ ސަރުކާރު ހިނގަމުންދަނީ އިނގިރޭސިންގެ ނުފޫޒުގެ އިތުރުން އެ މީހުން ބޭނުންވާ ގޮތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ