މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެތީ ސަމާލުވާން އެދެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑު ގަދަވެފައިވާއިރު މެޓް އޮފީހުން ބުނީ، މިރޭވެސް ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަަމަށެވެ. އަދި އާއްމުކޮށް ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އުތުރުގެ ސަރަހައްދުތަކަށް މިރޭ ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިއަކީ 19:36 ގައި ކަމަށް ވާއިރު، މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިރޭ 9:40 ގައެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނީ މިރޭ 10:55 ގައި ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް ވެސް ގަދަވާނެ މެޓް އޮފީހުން މައުލުމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ