ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެ އިން ދިން ބިން ކުއްޔަށް 15 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ފުޓުބޯޅަ ޓްރެއިނިންގް ފެސިލިޓީ އެއް އެޅުމަށް ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން 2018 ވަނަ އަހަރު އެޗްޑީސީ އިން ހުޅުމާލެއިން އެފްއޭއެމް އަށް 230،000 އަކަ ފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ. މި ބިމުގައި އެފްއޭއެމް އިން އެޅުމަށް ނިންމީ، ފުޓްބޯލް ސްކޫލަކާ، ޓާފް ދަނޑެކެވެ. އޭގެ ތެރެއިން ފުޓުބޯޅަ ސްކޫލްގެ ކޮންކްރީޓް މަސައްކަތް ނިންމާފައިވާއިރު، އެތަނުގައި އިތުރަށް ކުރަން ހުރީ ފިނިޝިންގެ މަސައްކަތެވެ.
2018 ވަނަ އަހަރު އެޗްޑީސީ އާއި އެފްއޭއެމްއާ ދެމެދު ހެދުނު އެއްބަސްވުމަކީ 25 އަހަރަށް ހެދުނު އެއްބަސްވުމެކެވެ. އެކަމަކު އެފްއޭއެމް އިން އަމިއްލަ އިސްނެގުމުގެ މަތިން އޭރުގެ އެއްބަސްވުން 2022 ވަނަ އަހަރު ވަނީ އިސްލާހުކޮށް ބައެއް ބަދަލުތައް ގެނަސްފަ އެވެ.
އެގޮތުން އެއްބަސްވުމުގެ ދިގުމިން 40 އަހަރަށް ބަދަލުކޮށް، އެޗްޑީސީ އިން ދޫކުރި ބިމުގެ ތެރެއިން 28،000 އަކަ ފޫޓު ސަބްލީސްކޮށް ކުއްޔަށް ދެވޭނެ ގޮތް ވަނީ ހަދާފަ އެވެ. އަދި މި ބަދަލުތަކާއެކު އެފްއޭއެމް އިން ސަބްލީސްކޮށް ކުއްޔަށް ދޫކުރާ ބިމުން އަކަ ފޫޓަކަށް 10 ރުފިޔާގެ މަގުން ކުލި ދައްކަން ޖެހޭ ގޮތް ވަނީ ހަދާފަ އެވެ.
އެފްއޭއެމް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މި އިސްލާހާއެކު އެފްއޭއެމް އިން ވަނީ މީގެ ތެރެއިން ގިނަ ޕްލޮޓްތަކެއް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. އަދި ފެންނަން ހުރި އެއްބަސްވުންތަކަށް ބަލާއިރު، ގާތް ގަނޑަކަށް 15 ވަރަކަށް ޕްލޮޓް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެފްއޭއެމް އިން ބުނެ އެވެ. އަދި މި ޕްލޮޓްތައް ކުއްޔަށް ދޫކޮށްފައިވަނީ އެފްއޭއެމް އަށް ގެއްލުންވާނެ ހެން ކަމަށް އެ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެފްއޭއެމް އިން ބުނީ މި އެއްބަސްވުމުންތައް އިތުރަށް ބަލައި ފައިސާ އަށް ވީގޮތް އޮޅުން ފިލުވުމަށް ރަނގަޅު އޮޑިޓް އެއް ހަދަން ޖެހޭ ކަމަށެވެ.
އެފްއޭއެމް އިން ބުނީ އެޗްޑީސީ އިން އެފްއޭއެމް އަށް ދީފައިވާ ބިން އެ ކުންފުނިން އަތުލާފައިވުމާއެކު، އަލުން އެ ބިން އެފްއޭއެމް އަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ނޯމަލައިޒޭޝަން ކޮމެޓީގެ ފަރާތުން މިހާރު އެދިފައިވާނެ ކަމަށެވެ. އަދި މި ގޮތައް އެދިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގައި ޖާގައިގެ ދަތިކަން ބޮޑުވެފައި، ފުޓުބޯޅަ ކުޅޭނެ އިތުރު ތަންތަން ބޭނުންވާތީ ފުޓުބޯޅަ އަށް ފައިދާ ހުރި ގޮތެއްގައި މި ބިން ބޭނުން ކުރުމަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
އެފްއޭއެމް އަށް ހުޅުމާލެއިން ދިން ބިން 15 ފަރާތަކަށް ދޫކޮށްފައިވޭ އެފްއޭއެމް އަށް ހުޅުމާލެއިން ދިން ބިން 15 ފަރާތަކަށް ދޫކޮށްފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ