ކުރިން ދީނަށް ޢަމަލުނުކުރާ މީހަކު ދީނަށް ޢަމަލުކުރަން ފެށުމަކީ އޭނާ އަލުން އިސްލާމްވުން ފަދަ ކަމެކެވެ. އެހެނީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމުން އޭނާގެ ފާފަތައް ﷲ ތަޢާލާ އެވަނީ ފުއްސަވައި ދެއްވަވައިފައެވެ. ﷲ ތަޢާލާއީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.
ކަން މިފަދައިން އޮތްއިރުވެސް މީހަކަށް ކުރިން ކުރެވިފައިވާ ކަންކަމަށް ބެލުމަކީ ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. އެހެނަސް މުސްލިމުން ބަލަން އޮތީ އެމީހަކު މިހާރު ޢަމަލުކުރަމުން އަންނަ ގޮތަށެވެ. ފާފަކުރެވުނު މީހަކުނަމަ މިހާރު އޭނާ ހުރީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެގެންތޯއެވެ. އެތައުބާގެ މަތީގައި އޭނާ ޢަމަލުކުރޭތޯއެވެ.
ދަރިންގެ ކައިވެންޏަށް އެދުމުން އޭނާއަކީ އުފަންވުމުގައި މުސްލިމަކަށް ނުވާތީ ނުވަތަ ކުރިން ފާފަތަކެއް ކޮށްފައިވާ މީހަކަށްވާތީ ކައިވެނިކޮށްދޭން އެބަޖެހިލުންވެއެވެ. އެކަމަށް ހުރަސް އަޅައެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ.
އަލަށް އިސްލާމްވި ނަމަވެސް ބަލަންޖެހޭނީ އޭނާ މިހާރު އިސްލާމް ދީނަށް ޢަމަލުކުރާ މިންވަރަށެވެ. ދީނުގެ ކަންކަމަށް ލޯބިކުރާ މިންވަރަށެވެ. ކުރިން ފާފަކުރެވުނު މީހަކު ނަމަ ބަލަންވީވެސް ހަމަ މިކަންކަމަށެވެ. އޭނާ މިހާރު ޢަމަލުކުރާ ގޮތަށެވެ.
ފާފަކުރާކަމަށް މަޝްހޫރުވަނީ މަދުމީހެކެވެ. ގިނަމީހުން ފާފަކުރަނީ ފޮރުވިގެންތިބެއެވެ. ވީމާ ފާފަކުރިކަން ހާމަވުމަކީވެސް ދެއްވަވާ ނިޢުމަތެކެވެ. ތައުބާވެ އިޞްލާޙްވުމަށް ދެއްވަވާ ފުރުޞަތެކެވެ. ﷲ ތަޢާލާ މީހަކަށް އެފުރުޞަތު ދެއްވެވުމުން ބޭނުންހިފައި ތައުބާވެ ހެޔޮޢަމަލުތައްކުރާ މީހާ އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދައިފައެވެ. އެފަދަ މީހަކަށް އަހަރެމެން ނުރުހެންވީ ކީއްވެގެން ހެއްޔެވެ؟
އިސްލާމް ދީނަށް ޚިދުމަތްކުރާ މީހުންނަށްބަލާއިއރު ފަހުން އިސްލާމްވި މީހުންގެ ޚީދުމަތްތައް ވަރަށް ފުރިހަމައެވެ. މުސްލިމުންގެ ގޮތުގައި އުފަންވި މީހުން އިސްލާމް ދީން ފަތުރަން ކުރާ މަސައްކަތަށްވުރެ އެމީހުން ކުރާ މަސައްކަތް މާގިންކަމަށްވެސް ބުނެވިދާނެއެވެ.
ވީމާ އެއްވެސް މީހަކަށް ކުރިން ފާފައެއް ކުރެވިފައި އޮތުމަކީ ކަންބޮޑުވާންވީކަމެއް ނޫނެވެ. ތައުބާވާ ވަގުތުން ފެށިގެން އެމީހަކީ މުޅިން އައު މީހެކެވެ. އޭނާގެ އިސްވެދިއަ ހުރިހާ ފާފަތަކެއް އެވަނީ ފުއްސަވައި ދެއްވަވައިފައެވެ. މިކަން ކީރިތި ޤުރްއާނުން އެނގެން އޮތްއިރުވެސް "ތިމާއަށް ކުރެވިފައިވާ ފާފަތައް ގިނަކަމުން މާޔޫސްވެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ ކަމަށް ހީކުރުމަކީ ކުރިން ކުރި ހުރިހާ ފާފަތަކަށްވުރެ މާބޮޑު ފާފައެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އެފާފަތައް ފުއްސަވައި ދެއްވެވުމަށް ތިމަން ﷲ ގެ ޙަޟްރަތުގައި އެދި ދެންނެވުމުން ކުރެވިފައިހުރި ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. އެކަން ވަޙީބަސްފުޅުން އެނގެން އޮއްވައި ފުއްސަވައި ނުދެއްވަވާނެކަމަށް ޤަބޫލުކުރުމަކީ އަދި އެކަމަށް ޝައްކުކުރުމަކީ ވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅު ދޮގުކުރުމެވެ. ޤަބޫލުނުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިބާއާ ގުޅެން ބޭނުންވާ މީހެއްގެ ކަންކަން ބަލާއިރު ބަލަންޖެހޭނީ ދީނަށް މިހާރު އެމީހަކު ޢަމަލުކުރާ މިންވަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ