ގާޒާއަށް ފޯރާތޯ ދުއާކޮށް ކަނޑަށް ކާނާގެ ފުޅިތައް ދޫކުރަނީ

މިސްރުގެ ޒުވާނުން ޕްލާސްޓިކް ފުޅީގައި ކާނާ ބަންދުކޮށް މެޑިޓެރޭނިއަން ކަނޑަށް ދޫކުރަމުން ދަނީ ގާޒާގެ ގޮނޑުދޮށްތަކަށް އެ ފުޅިތައް ލައްގާތޯ ދުއާ ކުރަމުންނެވެ.
މި މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވަމުން އެބަ ދެ އެވެ.
ފުށާއި، ޕާސްތާ، ބޭބީ ފޯމިއުލާ، ހަނޑޫ، މުގު އަދި އެހެނިހެން ބާވަތްތައް ކަނޑަށް މި ޒުވާނުން އަންނަނީ ދޫކުރަމުންނެވެ.
ފުޅިއަށް ކާނާ އަޅައި ކަނޑަށް ދޫކުރުމުގެ ހިޔާލު ދިނީ ޖަޕާނުގައި މަސައްކަތް ކުރާ މިސްރުގެ އެކެޑެމިކް އިންޖިނިއަރެކެވެ.
ފޭސްބުކް ޕޯސްޓެއްގައި އޭނާ ބުނެފައިވަނި ރަނގަޅަށް ބަންދުކޮށްފައިވާ 25 ލީޓަރުގެ ޕްލާސްޓިކް ފުޅިއެއްގައި 6-8 ކިލޯގެ ކާނާ ރައްކާތެރިކޮށް ފަލަސްތީނަށް އެެތެރެ ކުރުމުގެ ފުުރުސަތު އެބައޮތް ކަމަށެވެ. އަދި މި ފުޅީގައި 8 ލީޓަރުގެ ވައި ހުންނަންވާނެ ކަމުގައި އޭނާ ހިސާބު ޖަހަ އެވެ.
ފުޅިތައް ދޫކުރަންޖެހެނީ އައްސޭރިފަށާ 4 ކިލޯމީޓަރުން އަނެއް ފަރާތަށް ދާ އޮއިގައި ނުޖެހޭ ގޮތަށް 60 ޑިގްރީ އޭންގަލަކަށް އިިރު އުތުރުންނެވެ. މެޑިޓެރޭނިއަންގެ އޮއި ދަތުރުކުރަނީ ހުޅަނގުން އިރުމައްޗަށް ކަމަށްވާ އިރު، ގަޑިއިރަކު 0.8 ކިލޯމީޓަރު ސްޕީޑެއްގައި މި ފުޅިތައް ދާ ނަމަ ގާޒާގެ ގޮނޑުދޮށްތަކަށް ކާނާ 72-86 ގަޑި އިރު ތެރޭ ފޯރާނެ ކަމަށް ބެލެވެ އެވެ.
'ފްރޮމް ސީ ޓު ސީ - އަ ބޮޓްލް އޮފް ހޯޕް ފޯ ގާޒާ'ގެ ނަމުގައި ހިންގާ މި ކެމްޕޭނުގެ ބައިވެރިން ދަނީ ލީބިޔާ، ޓިއުނީޝިއާ، އަލްޖީރިއާ އަދި މޮރޮކޯގެ ރައްޔިތުން ވެސް މި ގޮތަށް ގާޒާއަށް އެހީވުމަށް ގޮވާލަމުންނެވެ.
އިޒްރޭލުން މިހާރު ހިންގަމުންދަނީ ގަސްދުގައި ބަނޑަށްޖެއްސުމުގެ އަމަލުތަކެވެ. 
އެހީގެ އުޅަނދުތައް މުޅި ގާޒާ ވަށައިގެން ކާބޯތަކެއްޗާ އެކު ތިބި ނަމަވެސް ބޯޑަރު ހުރަސް ކުުރުމަށް އިޒްރޭލުން ހުއްދައެއްނުދެ އެވެ. އެހެންކަމުން ކާނާގެ އެހީ ގާޒާއަށް ނުފޯރުވި، ފަލަސްތީނުގެ ކުޑަކުދިން ދަނީ ބަނޑުހައިހޫނުކަމުގައި ޝަހީދުވަމުންނެވެ.
އިޒްރޭލުން ދަނީ ކާނާގެ އެހީ ފޯރުކޮށްދޭ ތަންތަނަށް ބޮން އަޅަމުންނެވެ. މީގެ އިތުރުން ގާޒާއަށް ވައްދާ ފުށަށް ކެމިކަލް އަޅާފައިވާ ކަމުގެ ހަބަރު މިފަހުން ފެތުރިގެންގޮސްފައިވެ އެވެ.
އިޒްރޭލުން ގާޒާގައި ހިންގާ ލާއިންސާނީ ގަތުލުއާއްމަށް ވަނީ 658 ދުވަސް ވެފައި
މި ގަތުލުއާއްމުގައި މިހާތަނަށް 59500 މީހުން ޝަހީދުކޮށްފި
ގާޒާގެ ހެލްތު މިނިސްޓްރީ އިން ބުނާ ގޮތުގައި 115 މީހަކު މަރުވެފައިވަނީ ބަނޑުހައިހޫނުކަމުގައި
އެހީ ހޯދުމަށް ދިޔަ ތަންތަނުގައި 1000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި
ފަލަސްތީނުގެ ކުޑަކުދިންނާއި ގާތުން ދޭ މައިން އަދި މާބަނޑު މީހުންގެ %25 މީހުން އަންނަނީ ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންއާ ކުރިމަތިލަމުންނެވެ.
މި ދުވަސްވަރު ސޯޝަލް މީޑިއާ އިން ފެންނަނީ ގާޒާގެ މައިންބަފައިން، ބަނޑުހައިހޫނުކަމުގައި ދެފުށް ޖެހިފައިވާ ދަރިން ގޮވައިގެން ގޮތް ހުސްވެފައިވާ މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ