އެފްއޭއެމްގެ ރައީސަށް ޓޮމް އިންތިޚާބު ކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކަށް އެ މަގާމު މީގެކުރިން ފުރުއްވި އަހްމަދު ތޯރިގް (ޓޮމް) އިންތިހާބުކޮށްފިއެވެ. މީރުމާ ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސް ނުވަތަ އިންތިހާބަށް ނަން ހުށައެޅުއްވީވެސް ޓޮމް އެކަންޏެވެ. އޭނާ ނަން ހުށައެޅުއްވީ މެމްބަރު ހުރިހާ ކުލަބުތަކެއްގެ ތާއިދާއެކުއެވެ. އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އަތް ހިއްލައިގެން ނެގި ވޯޓުގައި ކޮންގްރެސްގެ 32 މެންބަރުންގެ ތާއިދު އޮތްކަން ހާމަކުރިއެވެ. އެއާއެކު ހުރިހާ ކުލަބެއްގެ އިއްތިފާގުން ކުރިއަށްއޮތް ހަތަރު އަހަރަށް ތޯރިގްގެ އެކްސްކޯ ވަނީ އިންތިހާބުވެފައެވެ. ޓޮމް ވަނީ 2016 ވަނަ އަހަރުވެސް އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންފައެވެ. ނަމަވެސް މަގާމަށް ވަޑައިގެންނެވިތާ ހަތަރު މަސް ނުވަނީސް، އެކްސްކޯގައި ހިމެނުނު ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދިނުމާއެކު ތޯރިގަށް އޮތް އަގުލަބިއްޔަތު ގެއްލުނެވެ. ތޯރިގްގެ އެކްސްކޯގައި ހިމެނޭ ނައިބު ރައީސުންނަކީ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް އާއި، މުޖުތަބާ ޖަލީލުގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. މި އެކްސްކޯގައި ދެން ހިމެނޭ މެންބަރުންނަކީ ގޯލްޑް ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާނުގެ އިތުރުން އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހެވެ. މީގެ އިތުރުން އަންހެން ދެ މެންބަރުންނަކީ ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ