މޯދީ މިނިވަން ދުވަހުގެ ކުޅިވަރުތައް ބައްލަވާލައްވައިފި

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ގެންދިޔަ ކުޅިވަރުތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްލަވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މޯދީ އިއްޔެ ރާއްޖެ ވަޑައިގެންނެވީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުންނެވެ. ޖުމްހޫރީ މައިދާނަށް މޯދީ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - ރާއްޖެ ވަޑައިގަތުމުގެ ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ކުރިއަށް ދިޔަ ހަރަކާތްތަކުގައި ސްކޫލު ދަރިވަރުންގެ ހުށަހެޅުންތަކާއި ރާއްޖޭގެ ސަގާފީ ހުށަހެޅުންތައް ފެނިގެންދިޔަ އެވެ.
އެ ހަރަކާތްތައް ބައްލަވާލެއްވުމަށް ކުރީގެ ބައެއް ރައީސުންނާއި ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގުޅުން ހުރި - އިންޑިއާގެ ބޮޑުވަޒީރު އިއްޔެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގަންނަވާނެ އެވެ. މޯދީގެ ދަތުރުފުޅުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ.
މީގެ އިތުރުން
އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުންތައް މި ދަތުރުފުޅުގައި ބަދަލު ކުރި
ރާއްޖޭގެ ސިޔާސީ އިސް ލީޑަރުންނާ މޯދީ ބައްދަލު ކުރެއްވި
އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވި
މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން މޯދީ ރާއްޖެ އަށް ކުރެއްވި ތިން ވަނަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ