އިސާކް ކްލަބް ދޫކޮށްލަން ބޭނުންވާތީ ނިއުކާސަލުން ސެސްކޯ ހޯދަނީ އިސާކް ކްލަބް ދޫކޮށްލަން ބޭނުންވާތީ ނިއުކާސަލުން ސެސްކޯ ހޯދަނީ

ނިއުކާސަލް (ޖުލައި 25) - ނިއުކާސަލްގެ ސްވިޑެން ފޯވާޑް، އަލެކްސަންޑަ އިސާކް އެ ކްލަބް ދޫކޮށްލަން ބޭނުންވާތީވެ، އެ ޓީމުން އެ މަގާމަށް އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކްގެ ސޮއި ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. މިހާތަނަށް ނިއުކާސަލް އިން އައީ އިސާކް އަކީ ނުވިއްކާ ކުޅުންތެރިއެއް ކަމަށް ބުނަމުންނެވެ. އެކަމަކު، އިސާކް، ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން ކްލަބް މެނޭޖްމަންޓަށް އަންގައި، އެ ޓީމުގެ އޭޝިއާ ޓުއާގައި ވެސް ބައިވެރިނުވެ އެވެ.
އިސާކް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުންނެވެ. ޗެލްސީން އިސާކަށް ފާރަލާ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް އިތުބާރު ހުރި މަަސްދަރުތަކުން ބުނެފައިވެ އެވެ.
ނިއުކާސަލް އިން ހޯދަން މަސައްކަތް ކުރި އައިންޓްރަކްޓް ފްރޭންކްފާޓުގެ ފޯވާޑް، ހޫގޯ އެކިޓީކޭ ވަނީ 95 މިލިއަން ޑޮލަރުގެ ޑީލެއްގައި، ލިވަޕޫލަށް ބަދަލުވެފަ އެވެ. އެއާ އެކު، ނިއުކާސަލް އިން މިހާރު އަމާޒުހިފާފައި ހުރީ ސެސްކޯ ގަތުމަށެވެ.
މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި، 21 ގޯލު ޖެހި 22 އަހަރުގެ ސެސްކޯ އަކީ މި ފަހަރުގެ ޓްރާންސްފާގައި، އާސެނަލާއި ޔުނައިޓެޑުން ބޭނުންވާ ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ. ނިއުކާސަލް އިން ސެސްކޯ ހޯދުމުގެ ރޭހަށް ވަންއިރު، ލައިޕްޒިގުން އޭނާ ވިއްކާލަން ކިޔާ އަގު އުޅެނީ، 80 މިލިއަން ޑޮލަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ