ފާރިސް ދިރިއުޅުއްވާ ގެ ފާސްކުރަން އަމުރު ނެރުނީ އާ ފަނޑިޔާރު ޝަހީދު!

ހަ މަސް ދުވަސް ވަންދެން ޖަލު ބަންދުގައި ބެހެއްޓުމަށްފަހު ބުރާސްފަތި ދުވަހު މިނިވަން ކުރެވުނު ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމަންޓު ފާސްކުރުމަށް އަމުރު ނެރެފައިވަނީ އަލަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނު ހުސެއިން ޝަހީދުކަން އެނގިއްޖެއެވެ.
ފާރިސް މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހިކަމަށާއި ގާނޫނީ ވެރިކަން ވައްޓާލަން ގާނޫނާއި ޚިލާފަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ނެރުނު މިއަމުރާއެކު ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓަށް ވަދެފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރީވެސް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަދެ، އެޕާޓްމެންޓު ފާސްކުރުމަށްފަހުގައެވެ. އެފަހަރު ފުލުހުން ފާރިސްއާ ދެކޮޅަށް ހުށައެޅި މައްސަލައަށް ބޭނުންވާ ހެކި ލިބިފައިވާ ކަމަށް ބުނި ނަމަވެސް އެ ހެކި ކޯޓުގައި ހުށައަޅާފައިނުވާ ކަން ފާރިސްގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
މިފަހަރު އަނެއްކާވެސް އެހެން ގޮތަކަށް މައްސަލަ ފަރުމާކޮށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެފައިވާއިރު ފާރިސް ހައްޔަރުކުރަން އުޅޭ އަޑުތައް މީޑިޔާގައި ވަނީ ގަދަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ