52 މަސާޖު ޕާލާއެއް ބަންދުކޮށްފި

މާލޭގައި ހިންގާ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ގަލޮޅު ރައްޔިތުންނާ އެކު މިހާރު ބާއްވަމުންދާ ބައްދަލުވުން ފައްޓަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ބައްދަލުވުންތަކުގައި ލިބޭ ޝަކުވާތައް އަހައި، އެކަމަށް ހައްލުތަކެއް ގެނެސްދެއްވަން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
މަސާޖު ޕާލާތަކުގެ މައްސަލައަށް އިތުރު އިސްކަމެއްދީގެން، އެތަންތަން ބަލައި ފާސްކުރަމުންދަނީ، މިފަދަ ބައްދަލުވުންތަކުގައި މީގެ ކުރިން އެ ޝަކުވާ ކޮށްފައިވާތީ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ:
ހަފްތާއެއްތެރޭ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް 
އޭގެތެރެއިން ކަމާބެހޭ އިދާރާތަކުން ހިންގި އޮޕަރޭޝަންގައި 24 ތަން ބަންދުކޮށްފައިވަނިކޮށް، 28 ތަނެއް އެތަންތަން ހިންގާ މީހުން އަމިއްލައަށް ބަންދުކޮށްފައިވޭ
ފާހަގަކުރެވޭ ކަމެއް - ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ކަމާބެހޭ އިދާރާތަކުން ހިންގަމުން ގެންދާ އޮޕަރޭޝަންގައި ގިނަ މަސާޖު ޕާލާތަކެއް ބަލައި އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަސާޖު ޕާލާތަކުގައި:
ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެ ގެނެސް، އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްގެންދޭ
މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކަށް އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ ތަންތަނުން ހައްޔަރުކުރާ މީހުންނަކީ ބިދޭސީއެއް ނަމަ ވަގުތުން އެ މީހަކު ޑީޕޯޓު ކުރާ ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ